މިިދިޔަ 13 އަހަރު ތެރޭގައި އިންޑިއާ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް ފުރަތަމަ ފަހަރަށް އެގައުމުގެ ކޯޗަކު ހަމަޖައްސައިފިއެވެ.

ހުސްވެފައިވާ އިންޑިއާ ގައުމީ ޓީމުގެ ކޯޗުކަމަށް ހަމަޖައްސާފައިވަނީ ހާލިދު ޖާމިލެވެ. އެއީ 2012 ވަނަ އަހަރަށްފަހު އިންޑިއާ ކޯޗެއް އެ ގައުމުގެ ގައުމީ ޓީމާ ހަވާލުވި ފުރަތަމަ ފަހަރެވެ. ޖާމިލުގެ ކުރިން އެންމެފަހުން ގައުމީ ޓީމުގެ ކޯޗުކަން ކުރި އެގައުމުގެ ކޯޗަކީ ސާވިއޯ މަޑެއިރާއެވެ. އެއީ 2011 ވަނަ އަހަރު އޮކްޓޯބަރު މަހުން ފެށިގެން 2012 ވަަ އަހަރު މާޗު މަހާ ހަމައަށެވެ.

ޖާމިލް އިންޑިއާގެ ކޯޗުކަމާ ހަވާލުވި މި ދަނޑިވަޅަކީ އެގައުމުގެ ފުޓުބޯޅަ އުނދަގޫ ހާލަތެއްގައި އޮތް ދަނޑިވަޅެކެވެ. އެންމެފަހުން ގައުމީ ޓީމާ ހަވާލުވެ ހުރި ސްޕެއިންގެ ކޯޗު، މަނޯލޯ މާކޭޒް މިދިޔަ މަހު މަގާމުން ދުރަށް ޖެހިލީ މޮޅެއް ނުހޯދިއެވެ. އެއީ ގާތްގަނޑަކަށް އަހަރަކަށްވުރެ ގިނަ ދުވަހު އެމަގާމުގައި ހުރުމަށްފަހުއެވެ.

ޖާމިލް މަގާމަށް ހަމަޖެއްސީ ޝޯޓްލިސްޓް ކުރި ތިން ކޯޗެއްގެ ތެރެެއިންނެވެ. އިންޑިއާ ކޯޗުކަމަށް ގިނަ ކޯޗުންތަކެއް ކުރިމަތިލާފައިވާ އިރު، ޝޯޓްލިސްޓް ކުރި ތިން ކޯޗުންނަކީ ކުރިން ގައުމީ ޓީމަށް ކޯޗުކަން ކޮށްދިން ސްޓެފެން ކޮންސްޓެންޓީނާއި ސްލޮވޭކިއާގެ ސްޓެފަން ޓާކޮވިޗް އަދި ޖާމިލެވެ.

ކުރިއަށް ގައުމީ ޓީމަށް ކުޅުނު ޖާމިލް ވަނީ އިންޑިއާގެ ބައެއް ކްލަބުތަކަށް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ އައިޒައުލްއާއެކު 2017 ވަނަ އަހަރު އައި ލީގުވެސް ކާމިޔާބު ކޮށްފައެވެ.

ޖާމިލް ކޯޗަކަށް ހަމަޖެއްސި އެއް ސަބަބެއްގެ ގޮތުގައި އިންޑިއާ މީޑިއާތަކުން ބުނީ އެގައުމުގެ ފުޓުބޯޅަ ފެޑަރޭޝަންގެ ބަޖެޓް ތާށިކަމެވެ. 2023 ވަނަ އަހަރު ފުޓުބޯޅަ އިދާރާއަށް ވަން ފައިސާގެ އަދަދު 137.74 ކްރޯރު ރުޕީސްގައި ހުރި ނަމަވެސް، މިދިޔަ އަހަރު އެ އަދަދު ވަނީ 110.5 ކްރޯރު ރުޕީސްއަށް ވެއްޓިފައެވެ. އެއީ އޭރު ހުރި ކޯޗު، އީގޯ ސްޓިމަކްގެ ކޮންޓްރެކްޓް އުވާލުމުން ހަތަރު ލައްކަ ޑޮލަރު ދައްކަން ޖެހުމާވެސް އެކުގައެވެ.