މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުންދާކަމުގެ ތުހުމަތުގައި ކުރީގެ އިމިގްރޭޝަން ކޮންޓޮރޯލަރު މުހައްމަދު ޝަމްއާން މުހައްމަދު ވަހީދުއާ އެކު ހައްޔަރުކުރި އަހުމަދު ލައްސާން، މ. ހަޒާރީވިލާގެ ދެ މަހާއި 12 ދުވަހުގެ ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިދިޔަ މަހުގެ ނުވަ ވަނަ ދުވަހު ހުކުމްކޮށްފިއެވެ.

ފުލުހުން ވަނީ އިމިގްރޭޝަންގެ އޮފިސަރުންތަކެއް އެ އިދާރާގައި އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފަށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައެއްގެ ތަހުގީގު މިއަހަރުގެ މާޗު މަހުގެ ތެރޭގައި ފަށައިފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޝަމްއާން ހިމެނޭހެން އިތުރު އިމިގްރޭޝަންގެ އޮފިސަރުންތަކެއް ހައްޔަރުކޮށްފައެވެ. އެ ހުރިހާ މީހުން ވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.

އެ މައްސަލައިގައި ޝަމްއާންގެ އިތުރުން ހައްޔަރުކޮށްފައިވަނީ ތ. ބުރުނި، މޫނިމާގެ، މުހައްމަދު އަލްސަން އިސްމާއީލް (21އ) އާއި ގ. ހެޕީސައިޑް، އިބްރާހިމް އަހުމަދު (37)ގެ އިތުރުން ހަމަ އެ ގޭ ހަސަން ސަހެޝާން (47އ) އަދި މ. ހަޒާރީ ވިލާ، އަހުމަދު ލައްސާން (40އ) އެވެ.

ދައުލަތުން އެ މީހުންނާ ދެކޮޅަށް ކޮށްފައިވާ ދައުވާތައް:

  • އިބްރާހިމް އަހުމަދު، ގ. ހެޕީސައިޑް - ދައުވާތައް: ފޭރުމުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ، މަނީ ލޯންޑަރިން
  • އަހުމަދު ލައްސާން، މ. ހަޒާރީވިލާ - ފޭރުމުގެ ދައުވާ އަދި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ
  • މުހައްމަދު އަލްސަން އިސްމާއިލް، މޫނިމާގެ/ތ. ބުރުނި - ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ
  • ހަސަން ސެހެޝާން، ގ. ހެޕީސައިޑް - ފޭރުމުގައި ބައިވެރިވިކަމުގެ ދައުވާ، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ

ޝަމްއާންގެ މައްޗަށް ދައުލަތުންކުރާ ދައުވާތަކުގެ ތެރޭގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން، ފޭރުމުގައި ބައިވެރިވުން އަދި މަނީ ލޯންޑަރިން ހިމެނެއެވެ.

މި މައްސަލައިގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އިހުސާން ވިދާޅުވެފައިވަނީ ލައްސާންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ވަކިން ކުރިއަށް ގެންދަނީ އޭނާ ދައުވާތަކަށް އިއުތިރާފުވެފައިވާތީ ކަމަށެވެ.

ގާޒީ ވިދާޅުވީ ލައްސާން ވަނީ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފައި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ހުރި ކަންކަން އަދި ދައުލަތާއި ލައްސާންއާ ދެމެދު ވެފައިވާ އަަދަބުގެ މިންވަރު ޝަރީއަތުގައި ގާޒީ ހާމައެއް ނުކުރައްވައެވެ.

އެއަށްފަހު ކުރިމިނަލް ކޯޓުގައިވަނީ މިދިޔަ މަހުގެ ނުވަވަނަ ދުވަހު ލައްސާންގެ އިތުރު ޝަރީއަތެއް ބާއްވައި މައްސަލައިގައި ހުކުމްކޮށްފައެވެ. އެ ޝަރީއަތުގައި ގާޒީ ވިދާޅުވީ ލައްސާން، ދައުލަތާއެކު ހަދާފައިވާ އިއުތިރާފުގެ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ކަމަށެވެ.

ލައްސާންގެ މައްޗަށް ކުރާ ދައުވާގެ ތަފުސީލުގައި ދައުލަތުން ވިދާޅުވެފައިވަނީ ލައްސާން އިމިގްރޭޝަން އޮފިސަރެއްގެ މަގާމުގައި ހުރެ މިއަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުގެ ރޭ 23:30 އެހާކަންހާއިރު، ރެއިޑް ޖެހުމުގެ ކަންކަން ވިލަރެސްކޮށްފައިވާ އިމިގްރޭޝަންގެ ޑިޕާޓްމެންޓަށް އެނގުމެއް ނެތި އަދި ރެއިޑް ޖެހުމުގެ ރަސްމީ ހުއްދައެއް ނެތި، އިމިގްރޭޝަންގެ އުސޫލުތަކާ ހިލާފަށް، ދެން މި މައްސަލައިގައިވާ ދައުވާކޮށްފައިވާ ޝަމްއާން ފިޔަވައި އެހެން މީހުންނާއެކު، މ. އޯރްމަންގޭގެ، ގްރައުންޑް ފްލޯއަށް ގޮސް، ދޮރުގައި ޓަކި ޖަހައި "އިމިގްރޭޝަން ޗެކް" އަކަށް އައީ ކަމަށް ބުނެ، އެގޭތެރެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ދައުލަތުން ވިދާޅުވީ އިމިގްރޭޝަންގެ ރިސްކު ސެކްޝަންގެ މުވައްޒަފުން 12 މާޗު ވަނަ ދުވަހުގެ ދަންވަރު 1:37 އެހާކަންހާއިރު އެތަނަށް ހާޒިރުވެ، އެތަނުގައި ތިބި ބިދޭސީންގެ ތެރެއިން 530،000 ރުފިޔާއާ އެކު ބަންގުލަދޭޝްގެ ރައްޔިތަކު ޑިޓެންޝަނަށް ގެންދިޔަ ކަމަށެވެ. އަދި ހަމަ އެ ދުވަހުގެ 21:38 އެހާކަންހާއިރު އެ ބިދޭސީ މީހާ ދޫކޮށްދިނުމަށް ސޮޕޮންސާގެ ނަމުގައި އުފައްދާފައިވާ އީމެއިލް އެޑްރެސްއަކުން، ސައްހަ ނޫން އިމިގްރޭޝަންގެ ސިޓީއެއް، އިމިގްރޭޝަންގެ މެއިލް އެޑްރެސްއަށް ލައްސާން ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީ ފޮނުވުމުން ލައްސާންއާ އެކު ދިޔަ މީހުން ވަނީ ޑިޓެންޝަނަށް ގެންދިޔަ ބިދޭސީ ބަންދުން ދޫކުރުމަށްފަހު ލައްސާންއާ އެކު އިމިގްރޭޝަންގެ އުޅަނދެއްގައި އެ ބިދޭސީ މީހާ ގޮވައިގެން މާލެ ތެރޭގައި ދުއްވާފައި ކަމަށެވެ.

ލައްސާންގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގައިވާ ގޮތުން ލައްސާންގެ މައްޗަށް އަންނާނެ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށްލުމާ އެކު 14،400 ރުފިޔާގެ ޖޫރިމަނާގެ އަދަބެކެވެ.

އެހެންވެ މައްސަލަ ބެއްލެވި ގާޒީ ހުކުމް ކުރެއްވީ ލައްސާން، ދެ މަހާއި 12 ދުވަހަށް ޖަލަށްލައި 14،400 ރުފިޔާއިން ޖޫރިމަނާ ކުރުމަށެވެ.