މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ) މަރުވީ ބޮލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކަމަށް ފުލުހުން ބުނެފިއެވެ

އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަަށް ފޮނުވާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ. އޮޓޮޕްސީ ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ފުލުހުން މިއަދު ބުނީ "އަބްދުއްރަހުމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންކަމަށް އަބްދުއްރަހުމާންގެ އޮޓޮޕްސީ ވަގުތީ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައި" ކަމަށެވެ.

ފުލުހުން އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު މި މައްސަލައިގެ ތުހުމަތަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. މައްސަލައިގެ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގޮތުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަވައްޓެރީންނާއި އޭނާގެ އާއިލާގެ މީހުންނާ ސުވާލުކޮށްފައެވެ. އަދި ވަނީ މާޅޮހުގެ އަތިރިމައްޗާއި ހޭޅިފަށާާއި ގޮނޑުދޮށް ބަލައިފާސްކުރުމުގެ އިތުރުން އެ ރަށުގެ ފަޅުތެރެ ބަލައިފައެވެ. ފުލުހުންގެ އެ ސާޗް އޮޕަރޭޝަނަކީ އަބްދުއްރަހުމާނަށް ހަމަލާ ދިނުމަށް ބޭނުންކުރި އެތި ނުވަތަ ތަކެތި ފެނޭތޯ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައިވެސް ފުލުހުން ބުނީ އަދި މި މަރުގެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނުގެ ބައެއް ޑޭޓާތައް ނަގައިފައެވެ. ނާޒީމާގެ ފޯނު ފުލުހުން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ނާޒިމާ ފޯނު ހަވާލުކުރީ އަމިއްލައަށް ފެނިގެން ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ