ރާއްޖޭގެ ރިސޯޓެއް ކަމަށްވާ އދ. އެއްލައިދޫ ރިސޯޓުގައި ލަންކާ ދެ މީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެ ރިސޯޓުގެ ކައްކާ މަރާލި މައްސަލައާ ގުޅިގެން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކޮށްފައިވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށް މަރުގެ ދައުވާ ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން މިމަހުގެ 14 ވަނަ ދުވަހު ހުކުމްކޮށްފިއެވެ.
ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާ، 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަށް ރިސޯޓުގައި ހަމަލާދީފައިވަނީ ކަތިވަޅިއަކުންނެވެ. މި މައްސަލައިގެ ޝަރީއަތުގައި ޖަޔަލަތު ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ތަހުގީގު މަރުހަލާގައި އޭނާ ބުނެފައިވަނީ ކައްކާއަށް ވަޅިން ހަމަލާދީ މަރައިލީ، ރޭގަނޑުގެ ނާސްތާއަށް ބިސްގަނޑެއް އަޅައިނުދިނުމުން ހިނގައިދިޔަ ޒުވާބެއްގެ ތެރެއިންނެވެ.
އެފަހުން މައްސަލައިގެ ޝަރީއަތުގައި އޭނާގެ ވަކީލު ވިދާޅުވެފައިވަނީ ތަހުގީގު މަރުހަލާގެ ތެރެއިން ޖަޔަލަތު ކުށަށް އިއުތިރާފުވިއިރު އެކަމުގެ ނަތީޖާ، ފުލުހުން އޭނާއަށް ސާފުކޮށްދީފައިނުވާ ކަމަށެވެ. އަދި އެއީ އޭނާ ކައްކާ މަރާލަން ދިން ހަމަލާއެއް ނޫން ކަމަށާއި އެއީ ސެލްފު ޑިފެންސްގައި ދިން ހަމަލާއެއް ކަމަށެވެ.
ދައުވާއަށް ޖަޔަލަތު އިންކާރުކޮށްފައިވުމުން ދައުލަތުގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ހެކި ހުށަހަޅައިފައެވެ. ދައުލަތުން ހުށަހެޅި ހެކިތަކުގެ ތެރޭގައި ޕޯސްޓްމޯޓަމް ރިޕޯޓާއި ބައެއް ޝަފަހީ ހެކިން ހިމެނެއެވެ. ޝަރީއަތުން ވަނީ ޕޯސްޓްމޯޓަމް ރިޕޯޓް ބަލައިގެންފައެވެ. ދައުލަތުން ހުށަހެޅި ޝަފަހީ ހެކިވެރިންގެ ތެރެއިން ޝަރީއަތުން ހެކިބަސް ނަގައިފައިވަނީ އެންމެ ދެ މީހުންގެއެވެ. ދެން ތިބި ހެކިވެރިން ރާއްޖެއިން ފުރައިގެން ގޮސްފައިވުމުން އެ މީހުންގެ ހެކިބަސް ނެގޭގޮތެއް ވަނީ ނުވެފައެވެ.
ފުރައިގެންދިޔަ ހެކިވެރިން ރާއްޖެ ގެނައުމުގެ ފުރުސަތު ޝަރީއަތުން ދައުލަތަށް ދިން ނަމަވެސް އެ ހެކިވެރިން ރާއްޖެވެސް ނުގެނެވި އަދި އެ މީހުން ތިބި ތަނެއްގެ މައުލޫމާތު ދައުލަތަށް ނޭގުމުން ޝަރީއަތުން ނިންމީ އެ ހެކިވެރިންގެ ނުނެގުމަށެެވެ.
ކުރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް މައްސަލަައިގެ ރައުޔުގައި ވިދާޅުވީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޖަޔަލަތު ދީފައިވާ އިއުތިރާފް ބަޔާން ނަގާފައި އޮތްގޮތުން، އޭނާގެ ބައެއް ހައްގުތަކަށް އުނިކަމެއް އަންނާތީ އެ ބަޔާން ޝަރީއަތަށް ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އިއުތިރާފުގެ ބަޔާނަކަށް އެކަނި ބަރޯސެވެ މަރުގެ މައްސަލައެއް ސާބިތުވާނެކަމަށް ނުނިންމޭނެ ކަމަށެވެ. ހެކިންގެ ހެކިބަހަށް ރިއާޔަތްކޮށްވެސް މި މައްސަލަ ޖަޔަލަތުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައެޅެން ނެތްކަމަށް ގާޒީ ވިދާޅުވިއެވެ.
އެހެންވެ ގާޒީ ހުކުމްކުރެއްވީ ދައުލަތުން ކޮށްފައިވާ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ޖަޔަލަތުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
މުހައްމަދު އިޝާން
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް
ސާބަސްފުޅު ކުރިމިނަލު ކޯޓަށް ބަޔާން ދީފައި އޮތްގޮތާއި ބަޔާނެ ނެގިއިރު އިށީދެއިން މޭޒުވެސް ގޯސްވެއްޖެ ތިއޮތީވާ ގާނޫނެއް ހެދިފައި ބަޔަކަށް ހައިރާނެ އަންތަރީސްވެ އަނގައިން ކުޅު ހިކިއްޖެ ގާނޫނު ގޯހީތަ ނޫނީ ........ ނަށް ބައި އެޅެނީތަ؟
އައްޓަމަސް - 11 މަސް ކުރިން