ޖިނާއީ އިޖުރާއަތުގައި ކުރީން ބަޔާންކޮށްފައިވާ ގޮތުންނަމަ ޝަރީއަތް ނިމެންދެން މީހަކު ބަންދުކޮށްފިނަމަ ދެން އެ މީހަކު ހުންނަން ޖެހެނީ ޖަލު ބަންދުގައެވެ. މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް، ޝަރީއަތް ފަށާނެ ދުވަހެއް ނުވަތަ ޝަރީއަތުގެ ދެން އޮންނަ އަޑުއެހުމެއް ބާއްވާނެ ދުވަހެއް ޖަލު ބަންދުގައި ހުންނަ މީހަކަށް ނޭނގެއެވެ.

އެގޮތަށް ޖަލު ބަންދުގައި ތިބޭ މީހުންނަށް ދިފާއީ ވަކީލުން ދީފައިވާ ނަމަކީ، "ވާނުވާގައި ތިބި މީހުން" ނުވަތަ "ވާނުވާ ޖަހާފައިވާ" ނުވަތަ "ވާނުވާ" އެވެ. އެގޮތަށް މުއްދަތެއް ނެތް ގޮތަށް މީހުން ބަންދުކުރުމުން އެ މީހުންގެ ހައްގުތަކެއް ގެއްލިގެންދާނެތީ، ރައްޔިތުންގެ މަޖިލީހުން ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނެސްފައެވެ. އެ އިސްލާހުގައި ބަޔާންކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށްފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަން ވާނެ ކަމަށެވެ. އެ އިސްލާހު ގެނައުމުގެ މަގުސަދަކީ ބަންދުގައި ހުރި މީހާ ބަންދުގައި އިތުރަށް ބަހައްޓަން ޖެހޭ ފަދަ ސަބަބެއް އަދިވެސް އޮތްތޯ ފަނޑިޔާރު ބެލުމަށްފަހު، ސަބަބެއް ނެތްނަމަ ބަންދުން ދޫކޮށްލުމެވެ. އެ އިސްލާހާއެކު ވާނުވާގެ މައްސަލައަށް ހައްލު ލިބިގެން އަންނާނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް ކުރެވުނެވެ.

ކުރިމިނަލް ކޯޓު ކައިރީގައި ފުލުހުން --- ވަން ފޮޓޯ: މުހައްމަދު އައުޒަމް

އެ އިސްލާހު ގެނެސްފައިވަނީ ނިމިދިޔަ ސަރުކާރުގައެވެ. އެކަމަކު އެ އިސްލާހު ވެގެންދިޔައީ އިތުރު ތަކުލީފަކަށެވެ. ބަންދުގައި ހުންނަ މީހާ ކޮންމެ 30 ދުވަހަކުން ޝަރީއަތަށް ހާޒިރެއް ނުކުރެވެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދަން ބެލި ކަމުގައި ވިޔަސް ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިިކަމުގެ ސަބަބުން އެކަމެއް ނުކުރެވެއެވެ. ބަންދުގައި ހުންނަ މީހާ އޮންލައިންކޮށް ޝަރީއަތަށް ހާޒިރުކުރަނީ ޖަލުގައި ހުންނަ އެކަމަށް ހާއްސަ ކޮޓަރިއަކަށް ވައްދައިގެންނެވެ. ކުރިމިނަލް ކޯޓުން ޝަރީއަތް ކުރަން ޖެހެނީ ޝަރީއަތުގެ މާލަމުގައެވެ. ގާޒީގެ ޕާސަނަލް ކެބިންގައި ހުންނަވައި ޕާސަނަލް ކޮމްޕިއުޓަރުން އެކަން ކުރުމަށް ކޯޓުތަކާއި އަދި ޝަރީއަތް ކުރުމާބެހޭ ގާނޫނުތައް ޖާގައެއް ނުދެއެވެ.

ކުރު ގޮތަކަށް ބުނާނަމަ ވާނުވާ މައްސަލަ ހަމަ ވާނުވާ ނޭނގި ހުރި ހިސާބުގައި މަޑުޖެހިފައި ހުރީއެވެ. ނަމަވެސް ހުރިހާ ސަރުކާރެއްގެ ކަމާބެހޭ ބޭފުޅުންގެ އެއް ވިސްނުމަކީ ވާނުވާގެ މައްސަލަ ހައްލު ކުރެވެން އޮތީ ކުރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ގެނެސްގެން ކަމަށެވެ. އެހެންވެ ކުރީ ސަރުކާރުންވަނީ ކުރިމިނަލް ކޯޓަށް ހުޅުމާލެއިން ބިމެއް ހަމަޖައްސައިދީ، ކުރިމިނަލް ކޯޓުގެ އާ ކޮމްޕްލެކްސްގެ މަސައްކަތް ފަށައިފައެވެ. ވާނުވާ ނުވަތަ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް އަވަހަށް ނިންމައިދިނުމަކީ މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެއްކަން ރައީސް ޑރ. މުހައްމަދު މުއިއްޒު، އެކި ޕޯޑިއަމްތަކުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުން ސާފުވެއެވެ. އެހެންވެ މި ސަރުކާރުން ވަނީ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތުގެ ސްޕީޑު އަވަސްކޮށް، އެތަނުގެ މަސައްކަތް ނިންމައިފައެވެ. މިމަހުގެ 27 ވަނަ ދުވަހު ރައީސް މުއިއްޒުވަނީ އެތަން ހުޅުވައިވެސް ދެއްވައިފައެވެ.

27 ޖުލައި 2025، ޖަސްޓިސް ބިލްޑިންގެ އެނެކްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މިތަނުގައި ގާއިމްކޮށްފައިވަނީ ކުރިމިނަލް ކޯޓާއި، ޑްރަގް ކޯޓު ---- ފޮޓޯ: ރައީސް އޮފީސް

ވާނުވާގެ މައްސަލަ ދެން ހައްލުވެގެންދާނެ، ކޮންމެ 30 މިނިޓަކުން ޝަރީއަތެއް ކުރިއަށްގެންދާނެ

ކޯޓުތަކުގެ ޖާގައިގެ ދަތިކަމާ ގުޅިގެން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ، މައްސަލައިގެ އަޑުއެހުންތައް ލަސްވެ، ހުކުމަކާ ހަމައަށް ވާސިލު ނުވެ ދިގުލައިގެން ދިއުމެވެ. މީގެ ކުރީން ވެސް ކޯޓުތަކުން ވަނީ އެކަން ފާހަގަކޮށްފައެވެ. ކުރިމިނަލް ކޯޓުގައި ދުވާލަކު 25 އަށްވުރެ ގިނަ މައްސަލަ ތާވަލުކުރި ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިއަށް ގެންދެވެނީ އޭގެ ތެރެއިން މަދު ޝަރީއަތްތަކެވެ. ބަންދު މުރާޖާއަށް ގެންދާ މީހުންނާއި ބަންދާމެދު ގޮތެއް ނިންމަން ގެންދާ މީހުންގެ މައްސަލަތައްވެސް ކުރިއަށް ގެންދިއުމަށް އެތައް ދަތިތަކެއް ދިމާވެއެވެ.

އަލަށް ހުޅުވި ކޯޓު ކޮމްޕްލެކްސްގައި ޑްރަގު ކޯޓަށް ހާއްސަ ފަސް ކޯޓު ރޫމް އަދި ކްރިމިނަލް ކޯޓަށް ހާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. ފަނޑިޔާރުންނަށް ހާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅައިފައެވެ.

ކުރިމިނަލް ކޯޓުގެ ރަޖިސްޓްރާ ހަސަން ރަޝީދު "ވަން" އަށް ވިދާޅުވީ ކުރިމިނަލް ކޯޓުގެ އާ އިމާރާތް ޝަރީއަތްތަކަށް ބޭނުންކުރަން ފަށައިފައިވާ ކަމަށެވެ.

"ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންގެވެސް ޖުމްލަކޮށް ހުރިހާ ޝަރީއަތްތަކެއް ދެން އަވަސްވާނެ. ކުރިން ދިމާވި ޖާގައިގެ ދަތިކަން ދެން ދިމާނުވާނެތީ. ޝަރީއަތް ބާއްވާނެ ޖާގަނެތިއެއް ނުދާނެ" ހަސަން ރަޝީދު ވިދާޅުވިއެވެ.

27 ޖުލައި 2025، ޖަސްޓިސް ބިލްޑިންގެ އެނެކްސް ހުންނަ ޝަރީއަތްކުރާ މާލަމެއް. މިތަނުގައި ގާއިމްކޮށްފައިވަނީ ކުރިމިނަލް ކޯޓާއި، ޑްރަގް ކޯޓު ---- ފޮޓޯ: ރައީސް އޮފީސް

ކުރިމިނަލް ކޯޓުގައި 11 ސެކްޝަނަކުން ޝަރީއަތް ކުރެއެވެ. އާ ކޯޓު ކޮމްޕްލެކްސްގައި ވަނީ ޝަރީއަތްކުރާނެ 10 މާލަމެއް ކުރިމިނަލް ކޯޓަށް ހާއްސަކޮށްފައެވެ. އެއީ މީގެކުރިން މާލޭގައި ބޭނުންކުރަމުންދިޔަ ކުރިމިނަލް ކޯޓުގެ ޝަރީއަތްކުރާ މަލާންތަކާ އަޅައިބަލާއިރު ގިނަ އަދަދެކެވެ.

"ކޮންމެ ދުވަހަކު ހުރިހާ ސެކްޝަނަކުން ޝަރީއަތްތައް ކުރިއަށް ގެންދާނެ. ކޮންމެ 30 މިނިޓަކުން ޝަރީއަތެއް ކުރިއަށް ގެންދާނެ. ޝަރީއަތްތައް ކުރިއަށްދާ މިންވަރު ތިބޭފުޅުންނަށް ޝެޑިއުލްތަކުން ފެންނާނެ" ހަސަން ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޝަރީއަތްތައް ލަސްވުމުގެ ފުރުސަތު ދެން ވަރަށް ކުޑަވާނެ ކަމަށެވެ. އެއީ ކަމާބެހޭ އެހެން ބޭފުޅުންގެވެސް ވިސްނުމެވެ. ހޯމް މިނިސްޓަރު އަލީ އިހުސާން އަދި ޕްރޮސިކިއުޓާ ޖެނެރަލް އައްބާސް ޝަރީފުވެސް ފާހަގަކުރައްވާ ގޮތުގައި ވާނުވާގެ މައްސަލައަށް އޮތް ހައްލަކީ ޝަރީއަތް ކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކޮށްދިނުމެވެ. ކުރިމިނަލް ކޯޓުގެ މަޝްވަރާގެ މަތީން އެ ކޯޓުންވެސް ބޭނުންވި ގޮތަށް މިހާރު އެވަނީ ޖާގަ ތަނަވަސް އާ ކޯޓު އިމާރަތެއް ދީފައެވެ.

ކުރިމިނަލް ކޯޓުގެ ހިނގަމުންދާ ޝަރީއަތްތަކަށް ބަލާއިރު ބައެއް މައްސަލަތައް ކޯޓުގައި ހިނގަމުންދާތާ މިހާރުވަނީ ހަ އަހަރުވެފައެވެ. އެ މައްސަލަތަކުގައި ތުހުމަތު ކުރެެވޭ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތުހުމަތު ވާ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުން ނޫން ގޮތެއް މަައްސަލައިގެ ބާވަތުން ނޯވެއެވެ. އެފަދަ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށްވުރެ ހައްސާސް މައްސަލައަކީ އެފަދަ މީހުންގެ މައްސަލަތައް ހުކުމަކާ ހަމައަށް ނުގޮސް، ފަހެއް ނުވަތަ ހައެއްކަ އަހަރު ވެގެން ދިޔުމެވެ. ރާއްޖޭގެ ކަމާބެހޭ ގާނޫނު ތަކުންނާއި ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައިވާ ގޮތުން އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަތަކުގައި ހުކުމް ކުރަން ޖެހެއެވެ. އެއީ ތުހުމަތުކުރެވޭ ފަރާތަށް ލިބިދީފައިވާ އިންސާނީ ހައްގެކެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވައި، ޖަލުގެ އެލާޓް ހާލަތުގައި މަަަސައްކަތްތައް ދާގޮތާއި ގައިދީންގެ ހާލަތު ބައްލަވާ ލައްވައިލެއްވުމުގެ ތެރެއިން --- ފޮޓޯ: ކަރެކްޝަނަލް ސާވިސް

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ އަދަދު ވަނީ 300 އަށްވުރެ މައްޗަށް އަރައިފައެވެ. ޕީޖީ އޮފީހުން "ވަން" އާ ހިއްސާކުރި ޝަރީއަތް ނިމެންދެން މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބަންދުގައި ހޭދަކުރި 364 މީހެއްގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭގެ ތެރެއިން 38 މީހެއްގެ މައްސަލަ ނިމިފައިވަނީ ތިން އަހަރާއި ހަތަރު އަހަރާ ދޭތެރޭގަ އެވެ. 24 މީހެއްގެ މައްސަލަ ނިމުނުއިރު ވަނީ ހަތަރެއް ނޫނީ ފަސް އަހަރުވެފައެވެ. 131 މީހެއްގެ މައްސަލަ ނިމިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. ފަަސް އަހަރާއި ހަ އަހަރުގެ ތެރޭގައި 8 މީހެއްގެ މައްސަލަ ނިމުނުއިރު 67 މީހެއްގެ މައްސަލަ ނިމިފައިވަނީ ދެ އަހަރާއި ތިން އަހަރުގެ ތެރޭގައެވެ. އަދި 92 މީހެއްގެ މައްސަލަ ނިމިފައިވަނީ އެއް އަހަރާއި ދެ އަހަރުގެ ތެރޭގައެވެ. ހަތަރު މީހެއްގެ މައްސަލަ ނިމުނީ ހަ އަހަރު ފަހުންނެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް ވިދާޅުވީ ޖަސްޓިސް ބިލްޑިން އެނެކްސް ހުޅުވިގެން ދިއުމާއެކު 2022 ވަނަ އަހަރުން ފެށިގެން ކުރިމިނަލް ކޯޓަށް ދިމާވި ޖާގައިގެ ދަތިކަން ހައްލުވެ ޝަރީއަތްތައް ހިންގުމަށް ދިމާވި ދަތިތަކަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

01 ފެބްރުއަރީ 2025، ޝަރީއަތް ނިމެންދެން ބަންދުކުރުމާގުޅޭ މައްސަލަތައް ހައްލުކުރުމަށް ޝަރުއީ ކޯޓުތައް ފިޔަވައި، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ ހުރިހާ އިދާރާތަކެއް ހިމެނޭ ގޮތަށް، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިއަށްގެންދިޔަ "ބަންދު ފޯރަމް" ---- ފޮޓޯ: ޕީޖީއޮފީސް

އެހެންކަމުން އޭނާވެސް ދެކިވަޑައިގަންނަވާ ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނާއި ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުންގެ މައްސަލަތައް ނިމެން ދެން އެހާ ދިގު މުއްދަތެއް ނުނަގާނެއެވެ.

"ދެން ކުރިމިނަލް ކޯޓު މަސައްކަތް ކުރަމުންދާނީ އެ ކޯޓުގެ ފުލް ކެޕޭސިޓީގައި. އެކަމަށް ޕީޖީ އޮފީހުގެ މުވައްޒަފުންވެސް ވަނީ ތައްޔާރުވެފައި" ޝަފީއު ވިދާޅުވިއެވެ.

ޕީޖީއާ އެއްވަރަށް ކުރިމިނަލް ކޯޓުންވެސް މިވަނީ ތައްޔާރުވެފައެވެ. ޓޯޓަލް ސޮލިއުޝަންގެ ގޮތުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މީހުން އިއްތިފާގުވި ހައްލު މިވަނީ ގެނެސް ބޭނުންކުރަން ފަށައިފައެވެ. ވާނުވާނައިގައި މީހުން ތިބޭން ޖެހުމުގެ ޝަކިވާއަށް ނިމުން އައުމުގެ ވަގުތު މި ވަނީ ޖެހިފައެވެ. އެކަމަށް ދެން ދެއްކޭނޭ ބަހަނާއެއް ނޯންނާނެއެވެ.