ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ދާދިފަހުން ފާސްކުރި އާ ހިންގާ ގަވާއިދުގެ 86 ވަނަ މާއްދާގެ ނުވައެއްގައި ބަޔާންކުރާ ރީޖަނަލް އެސޯސިއޭޝަންތައް އުފެއްދުމުގެ މަގުސަދުގައި އަތޮޅު ފުޓުބޯޅައިގެ ހަރަކާތްތައް މިއަހަރު ފަށަން އެ އިދާރާއިން އިއުލާނު ކޮށްފިއެވެ.
އެފްއޭއެމްގެ ހާލަތު ގޯހުން ގޯހަށް ގޮސް، ރާއްޖޭގެ ފުޓުބޯޅަ ނޯމަލައިޒް ކޮށްފައި އޮތުމަށްފަހު އާ އިންތިހާބެއް ބޭއްވީ މިދިޔަ ހަފުތާ ބަންދުގައެވެ. އެ އިންތިހާބުން އެފްއޭއެމްގެ އާ ރައީސަކަށް އަހުމަދު ތޯރިގު (ޓޮމް) އިންތިހާބު ކޮށްފައިވާ އިރު، ތޯރިގުގެ އެކްސްކޯއިން ފުރަތަމަ ބައްދަލުވި ބައްދަލުވުމުގައި ނިންމި ކަންތައްތައް އިއްޔެ ވަނީ ނޫސްވެރިންނާ ހިއްސާ ކޮށްފައެވެ.
އޭގެ ތެރެއިން އެއް ކަމަކީ މިއަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން އަތޮޅު، ޒޯން އަދި ރީޖަނަލް މުބާރާތް ނުވަތަ ލީގެއް ފެށުމެކެވެ. 2025/2026 ވަނަ އަހަރު ކަލަންޑަރުގައި އެ މުބާރާތް ހިމަނަން އެފްއޭއެމްއިން ނިންމާފައިވާ އިރު، މުބާރާތް މިއަހަރު ފަށަން ނިންމާފައިވެއެވެ.
އެފްއޭއެމްގެ އާ އެކްސްކޯއިން ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި މިއަހަރަކީ ފުޓުބޯޅައަށް 75 އަހަރު ފުރޭ އަހަރު ކަމަށްވުމުން، "ޑައިމަންޑް ޖުބްލީ ކޮމިޓީ"އެއް އެކުލަވާލަން ނިންމުމާއި، އަސާސީ ގަވާއިދުގައި ބުނާ ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމިޓީ އެކުލަވާލަންވެސް ވަނީ ނިންމައިފައެވެ.
އޭގެ އިތުރުން އެ ކޮމިޓީތަކަށް މެމްބަރު އެސޯސިއޭޝަންތަކުން ނަން ހުށަހެޅުމަށް އޮގަސްޓް ތިންވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ނަންތައް ހުށަހެޅުމަށްވެސް އެކްސްކޯއިން އެދިފައިވެއެވެ. އެއާއެކު އެކްސްކޯއިން ކަލަންޑަރު ފައިނަލް ކުރުމަށް ކޮމިޓީތަކުގެ މެދުގައި މަޝްވަރާ ކުރަން ނިންމާފައިވާ އިރު، ގައުމީ ޓީމުތަކަށް އޮފިޝަލުން ހަމަޖެއްސުމަށް އަވަސް މަޝްވަރާތަކެއް ކުރިއަށް ގެންދަންވެސް ނިންމާފައިވެއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް