ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް އަރުއްވައިފިއެވެ.
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މުނާސަބަތުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ގާސިމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބް އަރުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ގާސިމް އިބްރާހީމަށް ވަނީ 2013 ވަނަ އަހަރު ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް ވެސް އަރުވައިފައެވެ. އޭގެ އިތުރުން ގާސިމަށް ވަނީ އެކި ރޮނގު ރޮނގުން ގައުމީ ހިދުމަތުގެ އިނާމު ލިބިވަޑައިގެންފައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި ވިޔަފާރި ކުރިއެރުވުމުގެ ރޮނގުން 1988 ވަނަ އަހަރު ދެއްވި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ޓޫރިޒަމްގެ ރޮނގުން 1995 ވަނަ އަހަރު ދެއްވި އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމާއި ޖަމާއަތަށް ފައިދާ ހުރި ހާއްސަ ހިދުމަތެއް ކުރުމުގެ ދާއިރާއިން 2007 ވަނަ އަހަރު ދެއްވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހިމެނެއެވެ.
ބައިނަލް އަގުވާމީ ޔުނިވާސިޓީތަކުންނާއި ޖަމިއްޔާތަކުން ވެސް ޝަރަފްވެރި އެތައް އިނާމެއް ގާސިމަށް ވަނީ އަރުވައިފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ޝަރަފްތަކުގެ ތެރޭގައި މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީއިން އަރުވާފައިވާ އިންސާނިއްޔަތަށް ހިދުމަތްކުރުމުގެ ދާއިރާއިން އަރުވާ އެންމެމަތީ ޝަރަފްގެ އިތުރުން ހަމަ އެ ޔުނިވާސިޓީއިން ގާސިމަށް އަރުވާފައިވާ އޮނަރަރީ ޕީއެޗްޑީ ފާހަގަކޮށްލެވެއެވެ.
ގާސިމް އިބްރާހީމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. ހާއްސަކޮށް ޓޫރިޒަމް ދާއިރާއަށް ގިނަ އިސްވެސްޓްތަކެއް ކޮށް އެ ދާއިރާ ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ގާސިމް ވަނީ ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާއިން ވެސް އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދެއްވައިފައެވެ. އެގޮތުން ސްކޮލާޝިޕްގެ ފުރުސަތުތައް ފަހިކޮށްދީ، ބޭސްފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ގިނަ ހަރަދުތަކެއް ވެސް ގާސިމް ވަނީ ކުރައްވައިފައެވެ.
ގާސިމް ވަނީ ދައުލަތުގެ ޝަރަފުވެރި އެތައް މަގާމެއް ވެސް ފުރުއްވައިފައެވެ. އޭގެ ތެރޭގައި 7 އޮގަސްޓް 2008 ގައި ވުޖޫދަށް އައި ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ގަވަރުނަރުކަމާއި ފިނޭންސް މިނިސްޓަރުކަމާއި ހޯމް މިނިސްޓަރުގެ މަގާމުގެ އިތުރުން އަރިއަތޮޅާއި މާމިނގިލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަމުގެ މަގާމު ހިމެނެއެވެ.
އަދި ވޯލްޑްބޭންކަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ގަވަރުނަރުކަން ވެސް ގާސިމް ވަނީ އަދާކުރައްވައިފައެވެ. މީގެ އިތުރުން ސޯޅަ އަހަރަށްވުރެ ގިނަ ދުވަހު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސްކަމާއި ސާކް ޗެމްބާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒްގެ ނައިބު ރައީސްކަމާއި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީގެ ވައިސް ޕްރެޒިޑެންޓްކަމާއި ބޭންކް އޮފް މޯލްޑިވްސް އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުގެ މަގާމު ގާސިމް ވަނީ އަދާކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމްގައި ހުންނެވި ބޭފުޅެއް ފިޔަވައި އެންމެ ފުރަތަމަ ދިވެހި ރުފިޔާ ނޫޓުގައި ސޮއިކުރެއްވި ގަވަރުނަރަކީ ވެސް ގާސިމެވެ.
މުހައްމަދު އިޝާން
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް