އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ތައް އަނބުރާ ދެއްކުމުގައި ލުއިދީފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، އެލްއޯސީގެ ދަރަނި އަދާކުރުމަށް ގެނައި ބަދަލުތަކުގެ ސަބަބުން ރާއްޖެއިން އަހަރަކު ދައްކަންޖެހޭ ފައިސާގެ އަދަދަށް 40 ޕަސެންޓުގެ ދަށްވުމެއް އަންނާނެ ކަމަށެވެ.
ވިކްރަމް މިސްރީ ވިދާޅުވީ އެ ލުއި ދިނުމަށް އިންޑިއާ ސަރުކާރުން ނިންމީ އެލްއޯސީ ދަރަނިތައް ދެއްކުމަށް ލުއިތަކެއް ދިނުމަށް ދިވެހި ސަރުކާރުގެ ފަރާތުން އެދިފައިވާތީ ކަމަށެވެ.
އިންޑިއާއެކު އެލްއޯސީގެ އެއްބަސްވުމެއް ހަދާފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައެވެ. އެއީ 878 މިލިއަން ޑޮލަރުގެ އެލްއޯސީއެކެވެ. އޭގެ ތެރެއިން ބޭނުންކޮށްފައިވަނީ 50 ޕަސަންޓެވެ.
އެ އެލްއޯސީގެ އެއްބަސްވުމުގައި ވަނީ ސޮއިކުރާތާ ފަސް އަހަރު ފަހުން ރާއްޖެއިން ފައިސާ ދައްކަންޖެހޭނެ ކަމަށެވެ. އެ އެއްބަސްވުން ހަދައިފައިވާ ގޮތުގެ ސަބަބުން މަޝްރޫއުއަށް ބޭނުންވާ އަދަދު ފުރިހަމަ ނުވި ނަމަވެސް، އެލްއޯސީގެ ދަށުން އެ ޕްރޮޖެކްޓެއް ފަށައިފި ނަމަ، އޭގެ ޖުމުލަ އަގުން ދަރަނި އަދާކުރަން ޖެހެއެވެ.
ފޮރިން ސެކްރެޓަރީ ވިދާޅުވީ ރާއްޖެއިން އެލްއޯސީގެ ފައިސާ އެއްކޮށް ބޭނުންނުކުރި ނަމަވެސް އޭގައި ކުރިން އޮތީ އޭގެ ޖުމުލަ ރީޕޭމެންޓް ދައްކަން ފަށަންޖެހޭ ގޮތަށް ކަމަށެވެ.
ނަމަވެސް އިންޑިއާ ސަރުކާރުން މިހާރު އެއްބަސްވެފައިވަނީ އެލްއޯސީގެ ދަށުން މިހާތަނަށް ދޫކޮށްފައިވާ އަދަދަށްވާ ވަރަށް ފައިސާ ދައްކާގޮތަށް ކަމަށް ވިކްރަމް މިސްރީ ވިދާޅުވިއެވެ.
އެއީ ރާއްޖޭގެ މިވަގުތުގެ މާލީ ހާލަތަށް ބަލައި އިންޑިއާއިން ދިން ލުޔެއް ކަމަށް ވިކްރަމް މިސްރީ ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ