އިންޑިިއާއެކު މަސައްކަތް ކުރާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެއްވިއްޖެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ. މޯދީއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މަރުހަބާ ދެންނެވީ ރައީސް މުއިއްޒެވެ. އެފަހުން މިއަދު މެންދުރު ދިވެހި ސަރުކާރުގެ ފަރާތުން ވަނީ ރަސްމީކޮށް ޖުމްހޫރީ މައިދާނުގައި މޯދީއަށް މަރުހަބާ ދަންނަވައިފައެވެ.
އެއަށްފަހު މޯދީއާއި ރައީސް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރަސްމީ މަޝްވަރާތަކެއް ކުރައްވައިފައެވެ. އެ މަޝްވަރާތަކަށްފަހު ރާއްޖެއާއި އިންޑިއާއާ ދެމެދު ވަނީ އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެެވެ.
އެއަށްފަހު ރައީސްއާއި މޯދީ ގުޅިގެން ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓެއްގައި ރައީސް ވިދާޅުވީ ރާއްޖެއިން މިއަދު އިންޑިއާއެކު ސޮއިކުރި ލައިން އޮފް ކްރެޑިޓް (އެލްއޯސީ)ގެ ދަށުން ލިބޭ 565 މިލިއަން ޑޮލަރު ހަރަދުކުރާނީ ޑިފެންސް، ސިއްހީ، ތައުލީމީ އަދި ބޯހިޔާވަހިކަން ފަދަ މުހިންމު މަޝްރޫއުތަކަށް ކަމަށެވެ.
"މިއަހަރު އަޅުގަނޑުމެން މި ފާހަގަކުރަމުންދަނީ އިންޑިއާއާއި ރާއްޖެއިން ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން. ބޮޑުވަޒީރު މޯދީއާއެކު ކާމިޔާބު މަޝްވަރާތަކެއް ވަނީ ކުރެވިފައި. މި މަޝްވަރާތަކުގައި ދެ ގައުމުގެ ގުޅުމުގެ ވަރުގަދަކަމާއި ކާމިޔާބީއަށް އަލިއަޅުވާލެވުނު. އަދި ކުރިމަގުގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތުގެ މަގުޗާޓެއް އެކުލަވާލެވިއްޖެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ރަނގަޅުވެ ހަރުދަނާވެގެންދާނެ ކަމަށެވެ. ރައީސް ވިދާޅުވީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އިގުތިސޯދީ ދަތިކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާއިން ވަނީ ކަރަންސީ ސްވޮޕްޓް ފެސިލިޓީއެއް ފޯރުކޮށްދީފައި ކަމަށެވެ.
ތިލަމާލެ ބުރިޖު މަސައްކަތް ނިމުމުން އެ ބުރިޖު ވެގެންދާނީ ރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ ހެއްކެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖެއަށް ދިމާވާ ހާދިސާތަކާއި ކާރިސާތަކުގައި އިންޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު