ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ރިޔާސަތުގައި، ދެ ގައުމުން ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.

އެ މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ، މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މެންދުރު ރައީސް އޮފީހުގައެވެ.

25 ޖުލައި 2025، ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ރައީސް އޮފީސް

ރައީސް އޮފީހުން ބުނީ މިއަދުގެ މަޝްވަރާތަކުގައި ރައީސް ވަނީ، ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން ދެމުން އަންނަ ދީލަތި އެހީއަށްޓަކައި ޝުކުރު އަދާކުރައްވާފައި ކަމަށެވެ.

އޭގެ އިތުރުން އިގުތިސާދީ ތަރައްގީ، ދިފާއީ ދާއިރާ، ވިޔަފާރި އާއި ވުނަކުރުން، އަދި މޫސުމީ ބަދަލުތަކުގެ ދާއިރާއިން އެއް ގައުމު އަނެއް ގައުމަށް ދޭ އެއްބާރުލުން އިތުރުކުރެވިދާނޭ ގޮތްތަކާ މެދުގައިވެސް ދެ ގައުމުން މަޝްވަރާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމާލާފައިވަނީ، ގާބިލުކަން އިތުރުކުރުމާއި، ސިއްހީ ދާއިރާ އާއި، ފަތުރުވެރިކަން އަދި ކުޅިވަރުގެ ދާއިރާ ހިމެނޭހެން، ދެ ގައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް، ރައީސާއި މޯދީ އިއްތިފާގުވެވަޑައިގަންނަވަމުން ކަމަށެވެ.

25 ޖުލައި 2025، ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްގެންދިޔަ ރަސްމީ މަޝްވަރާތަކުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

އެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒާއި މޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުންތައް:

  • ރާއްޖެއާއި އިންޑިއާއާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމުކުރުމަށް މަޝްވަރާތައް ފެށުމާ ގުޅޭ އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

  • 565 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފްރޭމްވޯކް އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

  • ޑޮލަރު ކްރެޑިޓު ލައިން އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

  • މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ދެގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

  • ކޮލިޓީ ބޭސް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

  • މޫސުމާބެހޭ އިލްމާއި، ޖައްވުގެ އިލްމާއި، ތިމާވެށި މޮނިޓާކުރުމުގެ ދާއިރާއިން އޮނިގަނޑެއް ގާއިމުކުރުމާ ބެހޭ އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރުމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

  • ޑިޖިޓަލް ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.

  • ކްރޮސް ބޯޑާ ރެމިޓެންސް އެއްބަސްވުން

އެ އެއްބަސްވުމުގައި ރާއްްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރެވެ.