ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެ ވަޑައިގެންފިއެވެ.

މިއަދު ހެނދުނު މޯދީ ރާއްޖެ ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މޯދީ ވަނީ ފުލައިޓުން ފައިބައިވަޑައިގެން ރައީސް މުއިއްޒާ ބައްދާލައްވައި ރާއްޖެއާއި އިންޑިއާއާ ދެެމެދު އޮތް ގާތް ގުޅުން ހާމަކޮށްދެއްވައިފައެވެ.

މޯދީއަށް ރަސްމީ ގޮތުން މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ބާއްވަނީ މިއަދު ހަވީރު ޖުމްހޫރީ މައިދާނުގައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މޯދީ ރާއްޖެއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ 25 އިން 26 އަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ މޯދީގެ މި ދަތުރުފުޅުގައި ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ، ދެ ގައުމާ ގުޅޭ މައްސަލަތަކާއި ސަރަހައްދީ އެކި މައްސަލަތުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށެވެ.

25 ޖުލައި 2025، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، މަރުހަބާ ދަންނަވަނީ ---- ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގައި ނިންމާފައިވާ ބައެއް ޕްރޮޖެކްޓްތައް އިފްތިތާހުކުރެއްވުމާއި އިތުރު މެމޮރަންޑަން އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ތަކުގައި ސޮއިކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ އާއި އިންޑިއާގެ ޑިޕްލޮމެޓިކް ގުޅުމަށް 60 އަހަރު ފުރުމާ ދިމާވުމަކީ މި ދަތުރު އިތުރަށް ހާއްސަވާ ސަބަބެއް ކަމަށެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.