ޗެލްސީއަށް ކުޅެމުންދިޔަ އިންގްލެންޑްގެ ވިންގް، ނޮނީ މަޑުއޭކޭ ގެންދިޔުމުން އެކަމަށް ފާޑުކީ ސަޕޯޓަރުންނަށް ޑެކްލަން ރައިސް ރައްދު ދީފިއެވެ.

އުމުރުން 23 އަހަރުގެ މަޑުއޭކޭ، ވާދަވެރި ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވީ 48.5 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެ ޓްރާންސްފާއަށް އާސެނަލް ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން "ނޯ ޓު މަޑުއޭކޭ"ގެ ހޭޝްޓެގެއް މަގުބޫލުވެގެން ދިޔުމުގެ އިތުރުން، އޭނާ ނުގެންދަން ގޮވާލާ ޕެޓިޝަނެއް ހެދިތަންވެސް ފެނިގެން ދިޔައެވެ. އެ އޮންލައިން ޕެޓިޝަނަށް 5000 ސޮއި ލިބިފައިވެއެވެ.

"މަޑުއޭކޭގެ ފެންވަރު އަހަންނަށް އެނގޭ. އަދި މަޑުއޭކޭ ތަފާތު ދައްކަން ބޭނުންވެފަ ހުރި މިންވަރު އަބަދުވެސް އެނގޭ. އަހަރެން މަޑުއޭކޭއާ ވާހަކަ ދެއްކިން. ހުރިހާ ސަޕޯޓަރުންނަށްވެސް ފެންނާނެ އޭނާ ފެންވަރު ސާބިތުކޮށްދޭން ބޭނުންވެފަ ހުރި މިންވަރު. އެތައް ބަޔަކަށް އޭނާ ހައިރާންކަން ގެނުވާނެ. މަޑުއޭކޭ ހުރީ އާސެނަލަށް ކުޅެން ކެތް މަދުވެފަ،" ސިންގަޕޫރުގައި އޭސީ މިލާން ބަލިކުރި ޕްރީ ސީޒަން ފްރެންޑްލީ މެޗަށްފަހު ރައިސް ބުންޏެވެ.

ރައިސްއަކީ މަޑުއޭކޭ އާސެނަލަށް ގެންދިޔުމުގައި އެންމެ މުހިއްމު ރޯލެއް ކުޅުނު އެއް ކުޅުންތެރިޔާ ކަމަށް ނޫސްތައް ބުނެފައިވެއެވެ. މަޑުއޭކޭގެ އެނައުންސްމަންޓް ވީޑިއޯގައިވެސް ރައިސްގެ ހާއްސަ ސިޓީއެއް ކިޔާތަން ދައްކާފައިވާ އިރު، ރައިސް ބުނީ މަޑުއޭކޭ ގެންދިޔުމަކީ އާސެނަލުން ނުވިސްނައި ކުރި ކަމެއް ނޫން ކަމަށާއި، އެއީ ހާއްސަ ޕްލޭނެއްގައި ކުރި ކަމެއް ކަމަށެވެ.

އުމުރުން 23 އަހަރުގެ މަޑުއޭކޭ ދާދިފަހުން ޗެލްސީއާއެކު ކްލަބު ވޯލްޑް ކަޕް ހޯދާފައިވާ އިރު، އޭނާ ޕީއެސްވީން ޗެލްސީއާ ގުޅުނީ 2023 ވަނަ އަހަރު ޖެނުއަރީގައެވެ. އެ ކްލަބާ ގުޅުނު ފަހުން އޭނާ ވަނީ 92 މެޗު ކުޅެފައެވެ. މަޑުއޭކޭ ޗެލްސީއަށް 20 ގޯލު ޖަހައިދީފައިވާ އިރު، އޭނާއަކީ ކުރިން ޓޮޓެންހަމްގެ އެކަޑެމީގައިވެސް ދުވަސްތަކެއް ހޭދަކުރި ކުޅުންތެރިއެކެވެ.