ނިއުކާސަލްއަށް ކުޅެމުން އަންނަ ސްވިޑެން ފޯވަޑް، އެލެކްސެންޑާ އިސާކް ބޭނުންވަނީ އެ ކްލަބު ދޫކޮށްލަން ކަމަށް އިތުބާރު ނޫސްތައް ބުނެފިއެވެ.
އިސާކް ކްލަބު ދޫކޮށްލުން ގާތް ކަމަށް މީގެ ކުރީންވެސް އަޑުތައް ފެތުރިފައިވާ އިރު، އޭނާ ކްލަބު ދޫކޮށްލަން ބޭނުންވެ އެކަން ރަސްމީކޮށް އަންގާފައިވާ ކަމަށްވެސް ނޫސްތައް ބުނެއެވެ. އެކަން ނޫސްތަކުގެ ސަމާލުކަމަށް އެހާ ބޮޑަށް އައީ، ނިއުކާސަލްއިން ޕްރީ ސީޒަނުގައި އޭޝިއާއަށް ކުރަން ތައްޔާރުވެފައިވާ ދަތުރަށް އިއުލާނުކުރި 30 ކުޅުންތެރީންގެ ސްކޮޑުގައި އޭނާ ނުހިމެނުމުންނެވެ.
އެ ކްލަބުން ރަސްމީކޮށް އެކަމަށް ބަހެއް ބުނެފައިނުވާ އިރު، ނުރަސްމީކޮށް ބުނީ އިސާކް ޕްރި ސީޒަނުގައި ބައިވެރި ނުވަނީ އަނިޔާއެއްގެ ސަބަބުން ކަމަށެވެ.
ނިއުކާސަލްއިން އިސާކް ވިއްކާލަން ބޭނުން ނުވާ ކަމަށް ކޯޗު އެޑީ ހޯވް ކުރީން ބުނެފައިވާ އިރު، މިހާރު އެ ކްލަބަށް އޭނާގެ މުހިއްމުކަން ކުރިއަށްވުރެ ބޮޑު ކަމަށް ނޫސްތައް ބުނެއެވެ. އެއީ ނިއުކާސަލްއިން ހޯދަން މަސައްކަތްކުރި ފޯވަޑް، ހޫގޯ އެކިޓީކޭ ލިވަޕޫލަށް ސޮއިކޮށްފައިވާތީ އެވެ.
އެކިޓީކޭގެ ސޮއި ހޯދުމަށްފަހުވެސް ލިވަޕޫލުން އިސާކަށް މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، ކުރީން ނިއުކާސަލްއިން އިސާކަށް ކިޔާފައި ވަނީ 130 މިލިއަން ޕައުންޑްގެ އަގެކެވެ.
ލިވަޕޫލުން އެއިރު އަގަށް އެއްބަސްނުވާ ކަމަށް ނޫސްތައް ބުނެފައިވާ އިރު، މިވަގުތު އިސާކާ ލިވަޕޫލުން ސީދާ މަޝްވަރާ ކުރާކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.
އިސާކް މިދިޔަ ސީޒަނުގައި ނިއުކާސަލްއަށް ކުޅުނު 42 މެޗުގައި 27 ގޯލު ޖަހައިދީފައިވާ އިރު، ހަބަރުތައް ބުނެފައިވާ ގޮތުގައި ނިއުކާސަލްއިން މިހާރު ޝައުގުވެރިވާ އެއް ފޯވަޑަކީ ބްރެންޓްފޯޑުގެ ޔޯނޭ ވީސާއެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް