ސިޔާސީ ހަމަލާތަކާއެކުވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖެއަށް ކުރައްވާ ދަތުރުފުޅުން ސާބިތުވަނީ ރާއްޖޭގެ ރައްޔިތުންނަށް އިންޑިއާއިން ކުރާ އިހުތިރާމު ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން ރައީސް ސޯލިހު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ވަރުގަދަ ގުޅުންތައް ސާބިތުކޮށްދޭ ދަތުރުފުޅެއް ކަމަށެވެ.

"ބޮޑުވަޒީރު މޯދީ މިފަދަ ދަތުރުފުޅެއް، އުނދަގޫ ދުވަސްވަރެއްގައި ކުރެއްވުމުން ދައްކުވައިދެނީ އިންޑިއާއިން ދިވެހި ރައްޔިތުންނަށް ކުރާ ވަރުގަދަ އިހުތިރާމު. ސިޔާސީ ކަންކަމުގައި ހަމަލާތައް އަމާޒުކުރި ނަމަވެސް، މިކަމުން ސާބިތުކޮށްދެނީ އިންޑިއާއަކީ އިތުބާރުކުރެވޭ ރަހުމަތްތެރި ގައުމެއްކަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ މިނިވަންދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް މޯދީއަށް ދައުވަތު އެރުވުމުން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފައެވެ. އަދި މޯދީގެ ދަތުރުފުޅުން ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންދުވަހާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. އެ ދަތުރުފުޅުގެ ތެރެއިން އިންޑިއާ އާއި ރާއްޖެއާ ދެމެދު މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.