ހައި ޕާފޮމަންސް ޓްރެއިނިން ފެސިލިޓީގެ ފުޓުބޯޅަ ސްކޫލެއް ހެދުމަށް ހުޅުމާލެެއިން ދީފައިވާ ބިމުން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ފައިދާވާ ގޮތަށް ކަންކަން ކޮށްފައި ނުވާ ކަމަށާއި، އެ ބިން ގެއްލުމުން ލިބުނު ގެއްލުން ބޮޑު ކަމުން، އަލުން އެ ބިމުގެ އެއްބަސްވުން އެކުލަވައިލަން އެދިފައިވާ ކަމަށް ނޯމަލައިޒޭޝަން ކޮމިޓީން ބުނެފިއެވެ.

އެޗްޑީސީން، ރައީސް އޮފީސް މެދުވެރިވެގެން ހުޅުމާލެއިން 2018 ވަނަ އަހަރު އެފްއޭއެމަށް ދިން ދެ ލައްކާ ތިރީސް ހާސް އަކަފޫޓުގެ ބިމަކީ ހައިޕާފޯމަންސް، އެލީޓް ފުޓްބޯޅަ ސްކޫލެއް ހަދަން ދިން ބިމެކެވެ. އެ ބިމަކީ ރާއްޖޭގެ ފުޓުބޯޅަ އިތުރު ހަރުފަތަކަށް ގެންދިއުމަށާއި ފުޓުބޯޅައިގެ ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ފުޓްބޯލް ސްކޫލެއް ގާއިމުކުރުމަށް ދީފައިވާ ބިމެކެވެ. އެތަނުގެ މަސައްކަތްތައް ކޮށް، އިމާރާތްތައްވެސް ކޮށްފައިވަނިކޮށް، އެ ބިން އެފްއޭއެމް އަތުން މިހާރު ވަނީ ނަގައިފައެވެ.

އެޗްޑީސީން އެ ބިން ނެގީ އެތައް ކަމެއްގެ ތެރެއިން ބޮޑެތި އޮޅުވާލުންތަކެއް އެ ބިމުގައި މިހާރު އެކުލެވޭތީއެވެ. އެގޮތުން އެފްއޭއެމްއިން ކުންފުނިތަކަށް ދޭން ޖެހޭ ފައިސާގެ ބަދަލުގައި އެ ބިމުގެ ސްލޮޓްތައް ދޫކޮށްފައިވާކަންވެސް ވަނީ އެނގިފައެވެ. އެކަންކަމުގެ ފުރިހަމަ މައުލޫމާތު ލިޔެކިޔުންތަކުންވެސް ފެންނަން ނެތް އިރު، މިއަދު ނޯމަލައިޒޭޝަން ކޮމިޓީން ވަނީ އެ ކޮމިޓީގެ ބައެއް ހޯދުންތައް މީޑިއާއާ ހިއްސާ ކޮށްފައެވެ.

އެ ކޮމިޓީން ބުނީ އެ ބިމުގެ އެއްބަސްވުން އެފްއޭއެމްއިން ބޭނުންވެގެން 2022 ވަނަ އަހަރު ބަދަލުކޮށްފައިވާ ކަމަށެވެ. އެގޮތުން 28،000 އަކަފޫޓް ވިޔަފާރި ބޭނުމަށް ސަބްލީސްކޮށް، ކުއްޔަށް ދޭން ހުއްދަދީފައިވެއެވެ. އަދި ކުރީން 25 އަހަރަށް ހެދި އެއްބަސްވުން ފަހުން 40 އަހަރަށް އިތުރުކޮށް، އެ ބަދަލާއެކު އަކަފޫޓަކަށް 10 ރުފިޔާގެ ރޭޓުން އެފްއޭއެމްއިން އެޗްޑީސީއަށް ކުލިދައްކަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށްވެސް ކޮމިޓީން ބުނެއެވެ.

އެ ބަދަލާއެކު އެފްއޭއެމްއިން 15 ވަރަކަށް ފަރާތަށް ބިންތައް ކުއްޔަށް ދީފައިވާ އިރު، އެ ޕްލޮޓްތަކުގެ ސައިޒް، ކަނޑައެޅިފައިވާ އަކަފޫޓަށްވުރެ ދެގުނަ އިތުރު ކަމަށްވެސް ވެއެވެ. އިއުލާނުކުރުމެއް ނެތި، ބިޑަށް ހުޅުވާލުމެއްވެސް ނެތި އެ ބިންތައް ސަބްލީސް ކޮށްފައިވާ އިރު، ބައެއް ބިންތައް ދީފައި ހުރީ އެޗްޑީސީއާއި އެފްއޭއެމްއާ ދެމެދު ވެވުނު އެގްރީމަންޓްގައިވާ 40 އަހަރަށްވުރެވެސް އިތުރު ވާ ގޮތަށެވެ.

އޭގެ އިތުުރުން އެފްއޭއެމްއިން އެޗްޑީސީއަށް އަހަރަކު އަކަފޫޓަކަށް 10 ރުފިޔާ ދައްކަން ޖެހޭ ތަންތަން އެވަރެޖްކޮށް ކުއްޔަށް ދީފައި ވަނީ ތިން ރުފިޔާގެ ރޭޓުން ކަމަށްވެސް ކޮމިޓީން ފާހަގަކޮށްފައިވެއެވެ. އެ ބިންތަކަށް ގަނޑުކޮށް، އެއް ފަހަރާ ގިނަ ފައިސާތަކެއް ނަގައި، އެފްއޭއެމްއަށް ފައިސާ ލިބުނުކަމުގެ ރަޝީދުތައް ދީފައިވާ ނަމަވެސް، އެ ފައިސާ އެފްއޭއެމް އެކައުންޓަށް ވަދެފައި ނުވާ ކަމަށްވެސް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

އެ އެއްބަސްވުންތަކުގެ ތަފުސީލު އޮޅުންފިލުވުމަށް އޮޑިޓެއް ހަދަން ޖެހޭ ކަމަށްވެސް ކޮމިޓީން ބުނެފައިވެއެވެ. އެ ބިން އެފްއޭއެމް އަތުން ނަގާފައިވާތީ، އެކަމަކީ ގެއްލުން ބޮޑު ކަމެއް ކަމަށް ފާހަގަކުރަމުން އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ބުނީ، އެ އެއްބަސްވުން އަލުން އާކޮށްދީ، ބިން އެފްއޭއެމްއަށް ދޭން އެޗްޑީސީގައި އެދިފައިވާ ކަމަށެވެ.