މިމަހުގެ 12 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު، އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ) ހަށިގަނޑު މިއަދުގެ މެންދުރު ނަމާދަށްފަހު ވަޅުލާގޮތަށް ހަމަޖައްސައިފިއެވެ.

އަބްދުއްރަހުމާންގެ ޖަނާޒާ ބާއްވަން ހަމަޖެހިފައިވަނީ މާލޭ އާސަހަރާގައެވެ.

ފުލުހުން އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައިގެ ތުހުމަތަށް އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެއެވެ. މައްސަލައިގެ ތަހުގީގަށް މައުލޫމާތު ހޯދުމުގެ ގޮތުން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަވައްޓެރީންނާއި އޭނާގެ އާއިލާގެ މީހުންނާ ސުވާލުކޮށްފައެވެ. އަދި ވަނީ މާޅޮހުގެ އަތިރިމައްޗާއި ހޭޅިފަށާާއި ގޮނޑުދޮށް ބަލައިފާސްކުރުމުގެ އިތުރުން އެ ރަށުގެ ފަޅުތެރެ ބަލައިފައެވެ. ފުލުހުންގެ އެ ސާޗް އޮޕަރޭޝަނަކީ އަބްދުއްރަހުމާނަށް ހަމަލާ ދިނުމަށް ބޭނުންކުރި އެތި ނުވަތަ ތަކެތި ފެނޭތޯ ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

13 ޖުލައި 2025، އއ. މާޅޮސްގެ މާހިޔާ ގެ، އަބްދުއްރަހުމާންގެ ހަށިގަނޑު މާލެ ގެނައުން --- ވަން ފޮޓޯ/ ފާތިމަތު ލިޔުޝާ

މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނުގެ ބައެއް ޑޭޓާތައް ނަގައިފައެވެ. ނާޒީމާގެ ފޯނު ފުލުހުން ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން ކަަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް އެ އާއިލާއިން މައުލޫމާތު ދީފައިވާ ގޮތުގައި ނާޒިމާ ފޯނު ހަވާލުކުރީ އަމިއްލައަށް ފެނިގެން ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާގެ ޓްރިވެންޑްރަމަަށް ފޮނުވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޮޓޮޕްސީ ހެދުމަށްފަހު ހަށިގަނޑު މާލެ ގެނެސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.