ލުއިސް ޑިއާޒް، ބަޔާން މިއުނިކަށް ގޮސްފާނެ ހާލަތަކަށް ލިވަޕޫލުން ދަނީ ތައްޔާރުވަމުން ކަމަށާއި މިހާރު ވެސް އެ ކްލަބުން ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ރޮޑްރީގޯއާ ވެސް މަޝްވަރާ ކުރަމުން ދާކަމަށް ނޫސްތައް ބުނެފިއެވެ.
ލިވަޕޫލްގެ ކޮލަމްބިއާ ވިންގް، ޑިއާޒް ހޯދަން ބަޔާނުން ދަނީ މަސައްކަތް ކުރަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޑިއާޒް ހޯދަން ބަޔާން މިއުނިކުން ހުށަހެޅި 58.6 މިލިއަން ޕައުންޑްގެ ބިޑަކަށް ލިވަޕޫލުން ވަނީ ނޫނެކޭ ބުނެފައެވެ.
ލިވަޕޫލުން ބުނީ ޑިއާޒް ވިއްކަން ބޭނުން ނުވާ ކަމަށާއި އިތުރު ބިޑެއް ވެސް ބަލައި ނުގަންނާނެ ކަމަށެވެ. އެހެން ލިވަޕޫލުން ބުނަމުން ދިޔަ ނަމަވެސް، ބަޔާނުން އަންނަނީ ޑިއާޒް ހޯދަން މަސައްކަތް ކުރަމުން ކަމަށް ނޫސްތައް ބުނެފައިވެއެވެ.
ގޯލް.ކޮމް އިން ބުނީ ލިވަޕޫލުން މިހާރު ރޮޑްރީގޯއާ ސީދާ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެ މަޝްވަރާތައް ލިވަޕޫލުން ކުރަމުން ދަނީ ރޮޑްރީގޯ، ރެއާލް ދޫކޮށްލަން ބޭނުންވެފައި ހުރި ކަމަށް ބަލައިގެން ކަމަށްވެސް ނޫސްތައް ބުނެއެވެ.
ރެއާލްގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ރޮޑްރީގޯއަށް އުނދަގޫތަކެއް ދިމާވެފައިވާ އިރު، އުމުރުން 24 އަހަރުގެ ވިންގް ހޯދަން އެހެން ބައެއް ކްލަބުތަކުން ވެސް މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެއެވެ.
ރިޕޯޓުތައް ބުނީ ރޮޑްރީގޯގެ ޓްރާންސްފާގެ އަގު ބޮޑުކަމުން ލިވަޕޫލުން އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށާއި މުސާރަ ކުޑަކުރުމަށް ވެސް ލިވަޕޫލުން މަޝްވަރާ ކުރަމުންދާ ކަމަށެވެ.
ރޮޑްރީގޯ މިހާރު ހުރީ ސީޒަނަކަށް 10 މިލިއަން ޔޫރޯ ލިބޭ އެއްބަސްވުމެއްގައެވެ. ނޫސްތައް ބުނީ އެ މުސާރަ ލިވަޕޫލަށް މާ ބޮޑު ކަމަށާއި މުސާރަ ކުޑަކުރެވޭނެ ގޮތެއް ހޯދަން ލިވަޕޫލުން ރޮޑްރީގޯގެ ޓީމާ މަޝްވަރާ ކުރި ކަމަށެވެ.
ރޮޑްރީގޯ ރެއާލަށް މިހާތަނަށް 270 މެޗު ކުޅެފައިވާ އިރު، 68 ގޯލު ޖަހައި 51 އެސިސްޓް ފުރިހަމަ ކޮށްފައިވެއެވެ. ކިލިއަން އެމްބާޕޭ އާއި ވިނީޝިއަސް ޖޫނިއާ ފަދަ ކުޅުންތެރިން ރެއާލްގައި ތިބުމާއެކު ރޮޑްރީގޯއަށް ވަނީ ފުރަތަމަ 11 އިން ޖާގަ ލިބުމަށް އުނދަގޫތަކާ ދިމާވެފައެވެ.
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް
ރެއާލް މެޑްރިޑް