ސްޕޯޓިން ލިސްބަންއަށް ކުޅެމުން އަންނަ ސްވިޑެންގެ ޒުވާން ތަރި، ވިކްޓޯ ޔޯކެރޭޝްގެ ސޮއި ހޯދަން އާސެނަލުން ކުރަމުން އައި މަސައްކަތް، ގިނަ މަޝްވަރާތަކަކަށްފަހު ކާމިޔާބުވެފައިވާ ކަމަށް ނޫސްތައް ބުނެފިއެވެ.
ޔޯކެރޭޝް، 27، ޕޯޗުގަލްގެ ސްޕޯޓިންއަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު 102 މެޗުން 97 ގޯލު ޖަހައިދީފައިވެއެވެ. އޭނާއަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ފޯމު ރަނގަޅު އެއް ފޯވަޑެވެ. އޭނާ ހޯދަން އާސެނަލާއި އެހެން ބައެއް ކްލަބުތަކުންވެސް މަސައްކަތް ކުރި ނަމަވެސް، ޔޯކެރޭޝް ފުރަތަމަ ދުވަހުން ފެށިގެންވެސް ބުނަމުން ދިޔައީ އޭނާ ބަދަލުވާން ބޭނުމީ އާސެނަލަށް ކަމަށެވެ.
ބީބީސީ ސްޕޯޓްސްއިން ބުނީ ޔޯކެރޭޝް ގެންދަން އާސެނަލާއި ސްޕޯޓިންނާ ދެމެދު، 63.5 މިލިއަން ޕައުންޑްގެ އަގަކަށް އެއްބަސްވެފައިވާ ކަމަށާއި، ދިގުލައިގެން ދިޔައީ އެޑް އޮންސްގެ މަޝްވަރާތައް ކަމަށެވެ. އަދި މިހާރު އެ މަޝްވަރާތައް ނިމި، ދެ ކްލަބުންވެސް އެއްބަސްވުމަކާ ހަމައަށް ގޮސް، ހުރިހާ ކަމެއް ނިމިފައިވާ ކަމަށްވެސް ބީބީސީން ބުންޏެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ސެންޓަ ފޯވަޑެއް ހޯދަން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވުމާ ގާތަށް ޖެހިފައިވާ އިރު، އާސެނަލަކީ މިހާތަނަށް މި ޓްރާންސްފާ ސީޒަނުގައި އެންމެ ހަރަކާތްތެރި އެއް ކްލަބުވެސް މެއެވެ.
އާސެނަލުން މިހާތަނަށް ޗެލްސީން ނޮނީ މަޑުއޭކޭ ގަތުމުގެ އިތުރުން މިޑްފީލްޑަރުން ކަމަށްވާ މާޓިން ޒުބިމެންޑީ، ކްރިސްޓިއަން ނޯގާޑުގެ ސޮއިވެސް ހޯދައިފައެވެ. އޭގެ އިތުރުން ވެލެންސިއާގެ ޒުވާން ޑިފެންޑަރު ކްރިސްޓިއަން މޮސްކޭރާގެ ޓްރާންސްފާއަށް އާސެނަލުން އެއްބަސްވުމަކާ ހަމައަށް ގޮސްފައިވާ ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.
ފޯމު ރަނގަޅު ފޯވަޑެއް ސްކޮޑަށް އިތުރުވުން ވެގެންދާނީ އާސެނަލުން ލީގު ތަށި ހޯދަން ލިބޭ ބޮޑު ހިތްވަރަކަށް ކަމަށް ނޫސްތައް ބުނެއެވެ. އެގޮތުން މިދިޔަ ސީޒަނުގެ ލީގު ތާވަލުގެ ދެވަނައިގައި އާސެނަލް ނިންމާލީ އެއްވަނައިގައި އޮތް ލިވަޕޫލާ 10 ޕޮއިންޓްގެ ފަރަގެއްގައި، 17 ގޯލު މަދުން ޖަހައިގެންނެވެ.
މުޙައްމަދު ޝަމްޢޫން
އާސެނަލް
އާސެނަލް
އާސެނަލް
އާސެނަލް