ރާއްޖޭގައި މިދިޔަ ބުރާސްފަތި ދުވަހު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ފިރިހެން ކްލަބު ޗެމްޕިއަންސް ލީގުގައި ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ކްލަބު އެޗްޑީސީއާއި ދިވެހި ސިފައިންގެ ކްލަބު ލީގު ބުރުގައި ކުޅުނު މެޗު، ސިފައިން ކާމިޔާބު ކޮށްފިއެވެ.
މިއަދުގެ މެޗަށް ރާއްޖޭގެ ދެޓީމުވެސް ނުކުތީ ކުރިން ކުޅެފައިވާ ހުރިހާ މެޗަކުންވެސް ބަލިވެފައި އޮވެ، ފައިނަލުގެ އުންމީދު ގެއްލިފައި އޮވެގެންނެވެ.
ކާވާ ފިރިހެން ކްލަބު މުބާރާތް ރާއްޖޭގައި ކުރިއަށްދާ އިރު، މުބާރާތުގައި ހަ ގައުމެއްގެ ކްލަބުތަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ކްލަބު އެޗްޑީއާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން، ކަޒަކިސްތާނުގެ ޒައިކް ވީސީ، ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ.
މުބާރާތުގެ ލޯ މެޑަލް މެޗުގައި މާދަމާ ހަވީރު ހެލްޕް ނޭޕާލާއި ލަންކާ ޕޯޓްސްއިން ވާދަކުރާ އިރު، މާދަމާ ރޭ ރަން މެޑަލް މެޗުގައި ނުކުންނާނީ ޒައިކާއި ބިޝްކެކެވެ.
މިއަދު ސިފައިންނާއި އެޗްޑީސީ ވާދަކުރި މެޗު ފަސް ސެޓަށް ކުޅެގެން، ސިފައިން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
ފުރަތަމަ ސެޓު ސިފައިން 25-22 އިން ގެންގޮސްފައިވާ އިރު، އެޗްޑީސީން ދެވަނަ ސެޓު ގެންދިޔައީ 25-23 އިންނެވެ. ސިފައިން ތިންވަނަ ސެޓު، 25-19 އިން ގެންގޮސް އުންމީދު ހޯދި ނަމަވެސް، އެޗްޑީސީން ވަނީ ހަތަރު ވަނަ ސެޓު 25-19 އިން ގެންގޮސް، މެޗު އަނެއްކާވެސް އެއްވަރު ކޮށްފައެވެ.
މެޗުގެ ޓައި ބްރޭކް ސެޓު ސިފައިން ގެންދިޔައީ 16-14 އިންނެވެ.
މުބާރާތުގެ ތާވަލު ފުރަތަމަ އޮތް ގޮތުން، އެޗްޑީސީއާއި ސިފައިންވެސް ރޭންކިން މެޗެއް ކުޅެން އޮތް ނަމަވެސް، ކާވާއިން މިހާރު ވަނީ އެމެޗު ކެންސަލް ކޮށްފައެވެ. އެހެންކަމުން މާދަމާއާއި މާދަމާ ރޭ އޮންނާނީ ލޯ މެޑަލް މެޗާއި ރަން މެޑަލް މެޗެވެ.
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު
ކާވާ ޗެމްޕިއަންސް ލީގު