މާލޭ އާއި އަތޮޅުތެރޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަރަންޓާއި ފެނުގެ ހިދުމަތުގެ އަގުގެ ތަފާތުތައް ނައްތާލައި އެއް އަގެއްގައި އެ ހިދުމަތް ދިނުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ބެލުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ޝަމްހީދުއެވެ.

އެ ގަރާރުގައި ޝަމްހީދު ވިދާޅުވީ ގާނޫނު އަސާސީގެ ދެވަނަ ބާބުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި މިނިވަންކަން ލިބިދިނުމުގައި ނިސްބަތްވާ އާއިލާއަށް ނުވަތަ އުފަން ރަށަށް ނުވަތަ މި ނޫންވެސް ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިއުއެސްސީން ދޭ ހިދުމަތްތަކަށް ކަނޑައަޅާފައިވާ އަގުގައި މާލޭ ސަރަހައްދު ތަކަށް ވަކި އަގެއް އަދި އަތޮޅުތަކުގައި ދިރިއުޅޭ އެހެން ރަށްތަކަށް އެހެން އަގެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ އަގުތަކުގެ ބޮޑެތި ފަރަގުތަކެއް އެބަހުރި ކަމަށެވެ.

އެކަމުގެ ސަބަބުން ރަށްރަށުގައި ހަރަކާތްތެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ފެނާއި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ހޯދުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވަމުންދާ ކަމަށެވެ.

އެ ގަރާރުގައި ޝަމްހީދު އިތުރަށް ފާހަގަކޮށްފައިވާ ކަންކަން:

  • އަތޮޅުތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކަރަންޓަށް ކުރަންޖެހޭ ހޭދަ %40 އާއި %70 އާ ދެމެދު އަދަދަކުން އިތުުރުވެފައިވާ ކަމަށް
  • ފެނުގެ ހިދުމަތަށް ކުރަންޖެހޭ ހޭދަ %35 އަށް އިތުރުވެފައިވާ ކަމަށް
  • އެ ވިޔަފާރިތަކުގެ ތެރޭގައި ގެސްޓު ހައުސްތައް ފަދަ އިގުތިސޯދަށް މުހިންމު ސިނާއަތްތައް ހިމެނޭ
  • އުފެއްދުންތެރިކަން އިތުރުކޮށް އާ ސިނާއަތްތަކަށް ރާއްޖެ ހުޅުވާލުމަށް އޮތް ބޮޑު ގޮންޖެހުމަކަށްވެސް އެކަންވާ ކަމަށް
  • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އުފުލަންޖެހިފައިވާ މާލީ ބުރަ ބޮޑުވެ، ވިޔަފާރިތައް ދަމަހައްޓަން ދަތިވެ ރައްޔިތުންގެ ކަންބޮޑުވުން އެބައޮތް ކަމަށް