ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ހުޅުމާލޭގެ 69،912.28 އަކަފޫޓުގެ ބިމެއް 113،257،893.60 ރުފިޔާއަށް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)އަށް ވިއްކައިފިއެވެ.

ސިވިލް ކޯޓުން އިއްޔެ އެ މުއާމަލާތާ ގުޅިގެން ކުރި ހުކުމުގައި ބުނެފައިވަނީ އެމްއެންޔޫއަށް ވިއްކި ބިމަކީ އެޗްޑީސީގެ މިލްކުވެރިކަމުގައި އޮތް ބިމެއްކަން "ބިމުގެ ރަޖިސްޓްރީ"އިން އެނގޭ ކަމަށެވެ. އެ ބިމުގެ މިލްކުވެރިކަން ހޯދަން އެހެން ފަރާތަކުން ހުށަހަޅާފައި ނުވާ ކަމަށާއި އެ ބިމާ ގުޅިގެން އެއްވެސް ފަރާތަކުން ޝަކުވާ ވެސް ހުށަހަޅާފައި ނުވާކަމަށް ހުކުމުގައި ބުންޏެވެ.

އެ ބިން ވިއްކުމުގެ އެއްބަސްވުމުގައި އެޗްޑީސީއާއި އެމްއެންޔޫއާ ދެމެދު ސޮއިކޮށްފައިވަނީ 2023 އޮގަސްޓް 23 ވަނަ ދުވަހުކަމަށް ހުކުމުގައިވެ އެވެ. އެގްރީމެންޓަށް ދީފައިވާ ނަމަކީ "އެގްރީމެންޓް އިން ރެސްޕެކްޓު އޮފް އިންސްޓިޓުއުޝަން ޑިވެލޮޕްމެންޓް ބިލްޑިން އިން 2023/70 ހުޅުމާލެ" ކަމަށެވެ. އެއްބަސްވުމުގައި ބިން ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ 113،257،893.60 ރުފިޔާކަމަށް ހުކުމުގައިވެއެވެ.

އެ އަގަށް ބިން ގަންނަން އެއްބަސް ވެ އެމްއެންޔޫން ވަނީ އެ ފައިސާ އެޗްޑީސީއަށް ދައްކައި ހަލާސްކޮށްފައިކަން ލިޔުންތަކުން އެނގޭކަމަށް ހުކުމުގައިވެއެވެ.

އެހެންވެ މިހާރު އެ ބިމުގެ މިލްކުވެރި ފަރާތަކީ އެމްއެންޔޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމްކުރިއެވެ.