މިދިޔަ ކްލަބު ވޯލްޑް ކަޕިގައި ވިދާލި ޕަލްމެއިރާސްގެ ކޮލަމްބިއާ ޑިފެންޑަރު ރިޝާޑް ރިއޯސް، ޕޯޗުގަލްގެ ބެންފިކާއަށް ދާން ނިންމާފައިވާ ކަމަށް ނޫސްތަކުން ޔަގީން ކޮށްދީފިއެވެ.
ރިއޯސްއަކީ މިދިޔަ ކްލަބު ވޯލްޑް ކަޕުގައި ޕަލްމެއިރާސްއަށް މޮޅަށް ކުޅުނު ޑިފެންޑަރެކެވެ. އޭގެ އިތުރުން އެންމެފަހުން ބޭއްވި ކޮޕާ އެމެރިކާގައި ކޮލަމްބިއާއަށްވެސް އޭނާ މޮޅަށް ކުޅެފައިވެއެވެ. ރިއޯސްގެ ކުޅުން ޔޫރަޕް ކްލަބުތަކުގެ ރާޑަރަށް އެރިތާ ދުވަސްކޮޅެއް ވެފައިވާ އިރު، އިތުބާރު ނޫސްތަކުން ބުނީ އޭނާ ހޯދަން ރޯމާ، އެޓަލާންޓާގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑުންވެސް މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން ރޯމާއިން ބިޑްވެސް ކުރި ކަމަށް ނޫސްތައް ބުނެއެވެ.
ރޯމާއިންވެސް ބޮޑު ބިޑެއް ކޮށްފައިވާ އިރު، ނޫސްތައް ބުނީ ބެންފިކާއަށް ރިއޯސް ވިއްކާލަން ޕަލްމެއިރާސްއިން އެއްބަސްވީ 35 މިލިއަން ޑޮލަރުގެ އަގަކަށް ކަމަށެވެ.
ރިއޯސް، 25، ޕަލްމެއިރާސްއާއެކު ހަދާފައިވާ އެއްބަސްވުން 2028 އަށް ހަމަވާން އޮއްވާ، އޭނާ ވިއްކާލަން ބެންފިކާއާއި ޕަލްމެއިރާސް އެއްބަސްވެފައިވާ އިރު، ވިއްކާލުމުގެ 70 ޕަސެންޓް ފައިސާ ލިބޭނީ ޕަލްމެއިރާސަށެވެ.
އޭގެ އިތުރުން އެ ޑީލުގެ ކުޑަ ޕަސެންޓެއް ފްލަމެންގޯއާއި ގުއަރާނީއަށްވެސް ލިބޭނެ ކަމަށް ބްރެޒިލްގެ ނޫސްތައް ބުނެއެވެ. އެއީ ރިއޯސްގެ ސްޕޯޓިން ރައިޓްސްގެ ބައެއް ހިމެނޭ ކްލަބުތަކެވެ. އޭގެ އިތުރުން އެޖެންޓަށް 10 ޕަސެންޓްގެ ކޮމިޝަނެއް ބެންފިކާއިން ދައްކާނެ ކަމަށްވެސް ނޫސްތައް ބުނެއެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް