އިންޑިއާގެ ފުޓުބޯޅައިގެ ކުރިމަގެއް ފެންނާކަށް ނެތް ކަމަށާއި، އިންޑިއަން ސުޕަ ލީގު (އައިއެސްއެލް) އިން އެ ގައުމުގެ ފުޓުބޯޅައަށް ފައިދާ ނުކުރާ ކަމަށް ގައުމީ ޓީމުގެ ލެޖެންޑް ބައިޗުން ބުޓިއާ ބުނެފިއެވެ.

އިންޑިއާ ފުޓުބޯޅަ މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައެވެ. އެ ގައުމުގެ މައި ލީގު އައިއެސްއެލް ފެށޭނެ ތާރީހެއް ނޭނގެއެވެ. އައިއެސްއެލްއާއި އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އާ ދެމެދު ޖެހުނު ރައިޓްސްގެ މައްސަލަގަނޑެއްގެ ސަބަބުން، މާސްޓާ ރައިޓްސް އެގްރީމެންޓްގައި ސޮއި ނުކުރެވި، އެކަން ވަނީ ދިގުލައިގެން ގޮސްފައެވެ.

އައިއެސްއެލް ހިންގަމުން އަންނަ ފުޓްބޯލް ސްޕޯޓްސް ޑެވަލޮޕްމަންޓް ލިމިޓެޑް (އެފްއެސްޑީއެލް)އިން ބުނީ އައިއެސްއެލްގެ މާސްޓާ ރައިޓްސް އެގްރީމެންޓްގައި ސޮއި ނުކުރެވި ދިގުލައިގެން ދާ ކަމަށާއި، މިހާރު އޮތް އެގްރީމެންޓް ޑިސެމްބަރު މަހަށް ހަމަވާ ކަމަށެވެ.

އެ އެގްރީމެންޓް ސީޒަން ތެރެއިން ހަމަވެއްޖެ ނަމަ، ވަގުތުން ލީގު ހުއްޓޭނެކަމުގެ ބިރު އޮތް އިރު، އެގްރީމެންޓް މިހާރު އޮތް ގޮތުން، އެ އެގްރީމެންޓްގައި ސޮއި ނުކުރުމަށް އޭއައިއެފްއެފްއަށް ސުޕްރީމް ކޯޓުންވެސް ވަނީ އަންގައިފައެވެ.

އެފްއެސްޑީއެލްއިން ފުރަތަމަ އޭއައިއެފްއެފްއާއެކު މާސްޓާ ރައިޓްސް ޑީލެއް ހެދީ 2010 ވަނަ އަހަރުއެވެ. އެއީ 15 އަހަރުގެ އެއްބަސްވުމަކަށްވީ އިރު، އެ އެއްބަސްވުމުގެ މުއްދަތު މިއަހަރަށް ހަމަވާތީ، އެއްބަސްވުން އާކުރަން އުޅުނީވެސް 10 އަހަރަށެވެ. އެކަން އޮތީ މިހާތަނަށް ހުއްޓިފައެވެ.

"އިންޑިއާ ފުޓުބޯޅައިގެ އޮނިގަނޑު އޮތީ ހަލާކުވެފަ. އެ އޮނިގަނޑުގެ ބޮޑު މައްސަލައެއް އެބައުޅޭ. އަހަރެން ކުރިންވެސް އެހެން ބުނިން. އެފްއެސްޑީއެލްއާއި އޭއައިއެފްއެފްއިންވެސް މިފަހަރުވެސް އަވަސް އަރުވާލައިގެން ޑީލްގައި ސޮއި ކޮށްގެން ނުވާނެ. އޭރުން ކްލަބުތަކަށްވެސް ވަނީ ގެއްލުން،" ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ކުރި ބުޓީއާ ބުންޏެވެ.

ބުޓިއާގެ އިތުރުން ސުނިލް ޗެތުރީވެސް ވަނީ ޕްރީ ސީޒަން ނުފެށި ލަސްވުމާއި، ލީގަށް ތާރީހެއް ނޭނގި އޮތުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޗެތުރީއާއެކު ގައުމީ ޓީމަށް ކުޅުނު ބުޓިއާ ބުނީ 10 އަހަރު އައިއެސްއެލް ބޭއްވުނު ނަމަވެސް، އެއިން އެއްވެސް ބަޔަކަށް ކުރި ފައިދާއެއް ނެތް ކަމަށެވެ.

އައިއެސްއެލްއަކުން އެއްވެސް ބަޔަކަށް ފައިދާއެއް ނުކުރި. އެފްއެސްޑީއެލްއިން އެ ބުނަނީ އެމީހުންނަށް ލީގު ހިންގައިގެންވީ ފައިސާގެ ގެއްލުމޭ. ކްލަބުތަކުން ބުނަނީ އިންވެސްޓްކޮށްގެން، އޭގެ ބަދަލުވެސް ނުލިބޭ ކަމަށް،
ބުޓިއާ

ބުޓިއާ އިތުރަށް ބުނީ ގްރާސް ރޫޓުން ފެށިގެންވެސް އިންޑިއާ ފުޓުބޯޅައިން މިވަގުތު ރަނގަޅެއް ފެންނާން ނެތް ކަމަށާއި، 17 އަހަރުން ދަށް، ނޫނީ 20 އަހަރުން ދަށުގެ ޓީމަށް އޭޝިއާ ކަޕަށް ކޮލިފައިވެސް ނުވެވޭ ކަމަށެވެ. ސީނިއާ ޓީމަށްވެސް ފަސޭހަކަމާއެކު އޭޝިއާ ކަޕަށް ކޮލިފައި ނުވެވުން އެއީ ލީގުން ފައިދާއެއް ނުކުރާކަމުގެ ހެއްކެއް ކަމަށްވެސް ބުޓިއާ ފާހަގަކުރިއެވެ.

"އަހަރެން ބޫޓު ބޭލިފަހުން މިވީ 15 އަހަރު، ކުރިއަށް ފިޔަވަޅެއް ނޭޅޭ"

އިތުރަށް ވާހަކަދައްކަމުން ބުޓިއާ ބުނީ އެފްއެސްޑީއެލްއިން ރޮމުން ދަނީ އައިއެސްއެލްއިން 500 ކްރޯރް ރުޕީސް ގެއްލުން ވެގެން ކަމަށާއި، އިންޑިއާ ސަޕޯޓަރުން ރޮނީ ފުޓުބޯޅަ ވެއްޓިފައި އޮތް ހާލަތުން ކަމަށެވެ. އޭނާ ކުޅުން ހުއްޓާލިތާ 15 އަހަރު ފަހުން މިއަދުވެސް އެއްވެސް ކުރިއެރުމެއް ނާންނަ ކަމަށް ބުންޏެވެ.

"މިކިޔައީ ކުޅުންތެރިންނަށް މުސާރަ ދެވޭނެ ކުޑަ ޑީލެއް ހަދައިގެން ލީގު ކުޅެލާ ވާހަކަ އެކަންޏެއް ނޫން. އަހަރެން 15 އަހަރު ކުރިން ރިޓަޔާކުރިފަހުން އަހަރެމެން މި ބަރޯސާ ވަނީ އަދިވެސް ސުނިލް ޗެތުރީއަށް. އަހަރެން 2010-11 ވަނަ އަހަރު ސީޒަނަށްފަހު ރިޓަޔާވިއިރު، ސުނިލްއަކީ އަހަންނާއެކު ކުޅުނު ކުޅުންތެރިއެއް. ދެން ބަލާ ރޭންކިންނަށް. އަހަރެން ކުޅުނިއިރު، އުޅޭނީ 100 ހިސާބުގައި. މިހާރު އޮތީ 133 ގައި. އެހެންވީމަ މި ނިޒާމު ގޯސް. މި ނިޒާމު އެބަޖެހޭ އެންމެންނަށް ފައިދާވާ ނިޒާމަކަށް ހެދެން. މިއީ ސަޕޯޓަރުންނަށް ހައްގު މިންވަރެއް ނޫން،" ބުޓިއާ ބުންޏެވެ.

ބުޓިއާ ޕްރެސްއެއްގައި ---

ބުޓިއާ ބުނީ މިހާރު އެންމެ ބޮޑު ހާސްކަމަކީ އައިއެސްއެލް ދެ މަހަކަށް ފަސްވުން ނޫން ކަމަށާއި، އިންޑިއާ ކަހަލަ ބޮޑު ގައުމެއްގެ ފުޓުބޯޅަ ނިޒާމު ފެއިލްވެފައި އެތައް ދުވަހެއް ވަންދެން އޮތުން ކަމަށެވެ. ލީގު އަލުން ފެށުނަސް ފުޓުބޯޅަ އަލުން "ރިސެޓް" ކުރަން މަޖުބޫރުވެފައިވާ ކަމަށް ބުޓިއާ ބުންޏެވެ.