އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ނައިބު ރައީސް އަލީ ނަޝާތު އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ނިންމި ނިންމުން ބެލުމުގެ އިހުތިސޯސް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ނަޝާތު، އީސީގެ މެންބަރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފައިވަނީ 25 ނޮވެމްބަރ 2024 ގަ އެވެ. ނަމަވެސް ނަޝާތު ވަނީ މަޖިލީހުގެ އެ ނިންމުން ބަލައި ނުގަނެ، މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ، މިނިވަން ޑިމޮކްރެޓިކް ނިޒާމުތަކުން ބަލައިގެންފައިވާ އުސޫލުތަކާއިި ނެޗުރަލް ޖަސްޓިސްގެ ހަމަތަކުގެ ބޭރުންކަން ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓުގައި، މަޖިލީހާ ދެކޮޅަށް ދައުވާކޮށްފައެވެ.

ނަޝާތު މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިމަހުގެ 20 ވަނަ ދުވަހުގައެވެ.

ނަޝާތުގެ ފަރާތުން މި މައްސަލައިގައި އެދިފައިވަނީ މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނުއަސާސީން ކަނޑަަޅާފައިވާ ގާނޫނުއަސާސީގެ ސިޔާދަތީ ބާރުވެރިކަމުގެ އުސޫލާއި ދައުލަތް ހިންގުމުގެ ބާރުތައް ވަކިކުރުމުގެ އޮނިގަނޑާއި ނިޒާމާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މަޖިލީހުން އޭނާ މަގާމުން ވަކިކޮށްފައިވަނީ އެފަދަ މައްސަލަތަކުގައި ޑިމޮކްރެޓިކް ގައުމުތަކުން އަމަލުކުރާ ގޮތާއި ޑިއު ޕްރޮސެސްއާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ހިލާފަށްކަމަށް ކަނޑައަޅައި ދިނުމަށް އޭނާ އެދިފައިވެއެވެ. އީސީގެ މެންބަރުކަމުގެ މަގާމުން އޭނާ ވަކިކޮށްފައިވާ ގޮތުގެ ސަބަބުން އަބުރު ރައްކާތެރިކުރުމުގެ ހައްގު ގެއްލިފައިވާކަމަށް ކަނޑައަޅައިދިނުމަށްވެސް ނަޝާތު އެދުނެވެ.

މީގެ އިތުރުން އޭނާ މަގާމުން ވަކިނުކުރި ނަމަ، މެންބަރުކަމުގެ މަގާމުގައި ބާކީއޮތް މުއްދަތުގައި ލިބޭން އޮތް މުސާރައާއި އެލަވަންސްތައް އެކީ އެއް ފަހަރާ ދޭން ޖެހޭނެ ކަމަށް ކަނޑައަަޅައިދިނުމަށާއި އެ ފައިސާ އެކީ އެއް ފަހަރާ އޭނާއަށް ދެއްކުމަށް މަޖިލީހުގެ މައްޗަށް އަމުރުކޮށްދިނުމަށް ވެސް ނަޝާތު ވަނީ އެދިފައެވެ. އަދި ވަކީލު ފީވެސް މަޖިލީހުން ނަގައިދިނުމުގެ އަމުރަކަށް ނަޝާތުވަނީ އެދިފައެވެ.

ދައުވާގެ ރައްދުގައި މަޖިލީހުގެ ފަރާތުން ބުނީ މައްސަލަ ބެލުމުގެ އިހުތިސޯސް ސިވިލް ކޯޓަށް ލިބިގެން ނުވާކަން ފާހަގަކޮށްފައެވެ. މަޖިލީހުގެ ފަރާތުން ބުނީ މަޖިލީހުން ނިންމާ ނިންމުންތަކާ ގުޅިގެން އޭގެ ސައްހަކަން ބެލުމަށް ދައުވާ ހުށަނޭޅޭނެ ކަމަށާއި މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލަ ހުށަނޭޅޭނެކަމަށް މަޖިލީހުގެ ފަރާތުން ބުންޏެވެ.

މި މައްސަލައަކީ ޖުޑީޝަލް ރިވިއުގެ ތެރޭގައިވެސް ނުހިމެނޭ މައްސަލައެއްކަން ފާހަގަކޮށް މަޖިލީހުން އެދުނީ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެން ނުވާކަމަށް ކަނޑައަޅައި ދިނުމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެހުމަށްފަހު މައްސަލަ ބެއްލެވި ގާޒީ ހަސަން ފަހީމް އިބްރާހިމް ހުކުމުގެ ރައުުޔުގައި ވިދާޅުވީ ގާނޫނުއަސާސީގެ 88 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ސައްހަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް މައްސަލަ ހުށަނޭޅޭނެ ކަމަށެވެ. ނަމަވެސް ގާނޫނުއަސާސީގައި ބަޔާންކުރާ ވަކިކަމަކާ މަޖިލީހުން ކަނޑައެޅިގެން ހިލާފުވެއްޖެ ނަަމަ އެފަދަ މައްސަލައެއް ކޯޓަށް ހުށަހެޅޭނެކަމަށް ގާޒީ ވިދާޅުވިއެވެ.

ނަޝާތުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަކީ މަޖިލީހުން ގާނޫނުއަސާސީއާ ހިލާފުވުމުގެ ސަބަބުން ހުށަހަޅާފައިވާ މައްސަލައެއްތޯ ބަލާއިރު ގާނޫނުއަސާސީގެ 177 ވަނަ މާއްދާގެ (ހ) ގައި ބުނާފަދަ ހަލާތެއް މެދުވެރިވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަށް ފެނިގެން، އެ މެންބަރަކު ވަކިކުރުމަށް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަގުލަބިއްޔަތުން ފާސްކުރުމުން، އެ މެންބަރަކު މަގާމުން ވަކިވާނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އެ މާއްދާގެ ދަށުން މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވާކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އީސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް، ނަޝާތުގެ ފަރާތުން ކޮށްފައިވާކަމުގެ ތުހުމަތު މަޖިލީހުގެ އިދާރާއަށް ހުށެހެޅިފައިވާކަމަށް ނަޝާތުއަށް އަންގައިފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި ނަޝާތު ސްލޫކީ މިންގަނޑާއި ހިލާފުވެފައިވާކަމަށް ނިންމައި އެކަން އޭނާއަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފޮނުވި ސިޓީއެއްގައި ބަޔާންކޮށްފައިވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ނަޝާތު އީސީގެ މެންބަރުކަމުން ވަކިކުރުމަށް ފެންނަކަމަށް މަޖިލީހުން ފާސްކޮށްފައިވާކަން ނަޝާތަށް އަންގައި، ރައީސް އޮފީހުން ސިޓީއެއް ފޮނުވާފައިވާކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

"އިސްވެ ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް، ދައުވާކުރާ ފަރާތް އިލެކްޝަން ކޮމިޝަންގެ މެންބަރުކަމުން ވަކިކުރުމުގައި، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީގެ 177 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އަމަލުކުރުމުގައި ސީދާ ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ގުޅުވައިލެދޭ ކަމެއް ނުވަތަ ރައްޔިތުންގެ މަޖިލީހުން ނިންމި ކަމެއްގެ ސަބަބުން ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ނަތީޖާއެއް ފެންނާން އޮތްކަމަށް ޝަރީއަތަށް ގަބޫލު ނުކުރެވޭ" ގާޒީ ވިދާޅުވިއެވެ.

އެހެންވެ ނަޝާތު ހުށަހެޅި މައްސަލަ ބަލައިގަނެ ކުރިއަށްގެންދަން ޖެހޭކަމަށް ނުފެންނަ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެކަންތައް ފާހަގަކުރައްވައި މައްސަލައިގައި ހުކުމުގައި ގާޒީ ވިދާޅުވީ ނަޝާތު، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މައްޗަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ގަޒިއްޔާ ނިންމާ ކަމަށެވެ.