އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ކުންފުންޏަށް 11.7 މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ 2023 ވަނަ އަހަރު ލަކީ ގްލޯބަލް ޕްރޮޖެކްޓްސް އާއި އާރުޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުން ދައްކާން ޖެހޭ ފައިސާ ނުދައްކައިގެން ލަކީ ގްލޯބަލް ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ފައިސާ ދެއްކުމާ ގުޅޭގޮތުން ދެ ކުންފުނީގެ މެދުގައި މި އަހަރުގެ ތެރޭގައި ތިން ސެޓްލްމަންޓް އެއްބަސްވުމެއް ހަދާފައިވާ ކަމަށް މައްސަލައިގައިވެއެވެ.
ނަމަވެސް އެ އެއްބަސްވުންތަކާ އެއްގޮތަށް އާރުޑީސީން ފައިސާ ނުދައްކާތީ ލަކީ ގްލޯބަލް ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރިއެވެ.
އެ ކަމާ ގުޅިގެން މި މައްސަލައިގެ ޝަރީއަތުގައި އާރުޑީސީން ވަނީ ލަކީ ގްލޯބަލްއަށް ދައްކަން ޖެހޭ ފައިސާއަށް އެއްބަސްވެފައިވާ ކަމަށް ބުނެފައެވެ.
ނަމަވެސް އެއްބަސްވި ގޮތަށް ފައިސާ ނުދެއްކުނީ ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކަމަށް އާރުޑީސީން ކޯޓުގައި ބުނެފައިވެއެވެ. މި ސަބަބާ ހުރެ އާރުޑީސީން ކޯޓުގައި އެދުނީ އެ ފައިސާ މަހުން މަހަށް ބަހާލައިގެން ދެއްކޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމަށެވެ.
ނަމަވެސް އާރުޑީސީން އެދުނު ގޮތަށް މަހުން މަހަށް ފައިސާ ބަހާލުމަށް ލަކީ ގްލޯބަލް ކުންފުނިން އިއުތިރާޒު ކުރިއެވެ. އެ ކުންފުނިން ކޯޓުގައި އެދުނީ ޝަރީއަތުގެ އިތުރު އަޑުއެހުމަކަށް ނުގޮސް، އެ ފައިސާ އެކީ އެއްފަހަރާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ހުކުމްކުރީ ލަކީ ގްލޯބަލް ކުންފުނީގެ ފަރާތުން އެދުނު ގޮތަށް އެކީ އެއްފަހަރާ 11.7 މިލިޔަން ރުފިޔާ ލަކީ ގްލޯބަލް އަށް ލިބިދިނުމުގެ ގޮތުން 12 އޮކްޓޫބަރުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދައްކައި ހަލާސް ކުރުމަށް އާރުޑީސީއަށް އަންގާ ކަމަށެވެ.
އިބްރާހިމް ޒަކީ
އެމްއާރްޑީސީ
އެމްއާރްޑީސީ
ކޮމެންޓް