ފަޒީލާ އުސްމާން ހިންގަމުން ދިޔަ ހިޖާމާ ކުލިނިކް، ހެލްތު މިނިސްޓްރީގެ އެންގުމަށް ފުލުހުން ބަންދުކުރި މައްސަލައިގައި ފަޒީލާގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށްގެންދެވޭނެ ގާނޫނީ ހަމައެއް ނެތް ކަަމަށް އެ ކޯޓުން ހުކުމް ކޮށްފިއެވެ.
"ފަޒީސް ހިޖާމާ ތެރަޕީ" ސެންޓަރު ބަންދު ކޮށްދޭން ހެލްތު މިނިސްޓްރީން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
އެއީ މިނިސްޓްރީގެ ހުއްދަ ނުހޯދައި އެތަނުން ހިދުމަތްދެމުންދިޔަ މައްސަލައިގައި ގާނޫނުގެ ދަށުން ހޯދަން ޖެހޭ ހުއްދަތައް ހޯދައިގެން ހިޖާމައިގެ ފަރުވާ ދިނުމަށާއި ހުއްދަ ލިބެންދެން އެތަން ހުއްޓައިލުމަށް ވެރިފަރާތަށް ލިޔުމުން އަންގައި ނަސޭހަތް ދިނުމަށްފަހު ނުހުއްޓުމުން ކަމަށް އޭރު ވަނީ ބުނެފައެވެ.
ފުލުހުން އެތަން ބަންދު ކުރުމާ ގުޅިގެން، އާމްދަނީ ހޯދުމުގެ ގޮތުން ފަޒީލާ ކުރަމުންދިޔަ ހިޖާމާ ޖެހުމުގެ މަސައްކަތް ހުއްޓުވާލުމަށް ހެލްތު މިނިސްޓްރީން އެންގުމާ ގުޅީގެން ގާނޫނާހިލާފަށް ފުލުހުންގެ އިދާރާއިން އެކަން ތަންފީޒު ކޮށްފައިވާކަމަށް ބުނެ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ދިވެހި ފުލުހުންނާއި ހެލްތު މިނިސްޓްރީ ހިމެނޭހެން ދައުލަތުގެ މައްޗަށް ފަޒީލާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
މި ދައުވާގައި ފަޒީލާ އެދިފައިވަނީ، ގާނޫނާހިލާފަށް ފުލުހުންގެ އިދާރާއިން އެތަން ބަންދު ކުރުމާ ގުޅިގެން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ގޮތުގައި ހޯދުމަށް އެދޭ ފައިސާ އާއި މި މައްސަލައިގެ ގާނޫނީ މަސައްކަތަށް ހޭދަ ކުރަންޖެހުނު ފައިސާއަކީ ހެލްތު މިނިސްޓްރީ އަދި ދިވެހި ފުލުހުންގެ ހިދުމަތުން ދޭންޖެހޭ ބަދަލެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައަށް ޖަވާބުދާރީވަމުން ދައުލަތުން ބުނެފައިވަނީ މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ މުއްދަތުގެ ތެރޭގައި ހުށަހަޅާފައިވާ މައްސަލައެއް ނޫން ކަމަށާއި، މަދަނީ އިޖުރާއަތުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ އާއްމު އިހުތިލާފު އޮންނަ މައްސަލައެއްގެ ގޮތުގައި ކަމަށާއި، އެކަމާބެހޭ ނިންމުން ދައުލަތުން ނިންމިތާ ތިންމަސް ފަހުން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ މައްސަލަ ހުށަހަަޅާފައިވަނީ މިފަދަ މައްސަލަ ހުށަހަޅާ ފޯމުން ނޫން ކަމަށްވެސް ބުނެފައިވެއެވެ. އެ މައްސަލަ ކުރިއަށްގެންދަން ނުޖެހޭ އެހެން ބައެއް ސަބަބުތައްވެސް ފާހަގަކޮށް ދައުލަތުން އެދިފައިވަނީ މި މައްސަލަ އިތުރަށް ކުރިއަށް ނުގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.
ދެފަރާތުގެ ހުށަހެޅުންތަކަށްފަހު، މި މައްސަލައިގައި ސިވިލްކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މި ދައުވާއަކީ ދައުލަތުން ނިންމި އިދާރީ ނިންމުމެއްގެ މައްޗަށް އަދި އެ ނިންމުން ތަންފީޒު ކުރި ކުރުމުގެމައްޗަށް ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ގެއްލުމުގެ ބަދަލާ މެދު ގޮތެއް ނިންމޭނީ ދައުލަތުން ނިންމި ނންމުމުގެ ސައްހަކަމާ މެދު ހުށަހަޅާ ހުށަހެޅުމާ މެދު ގޮތެއް ނިންމައިގެން ކަމަށްވެސް ބުނެފައިވެއެވެ. އަދި ދައުލަތުން ނިންމި ނިންމުމަކީ އިދާރީ ނިންމުމެއް ކަމަށްވާތީ އެ ނިންމުމާ މެދު ދައުވާކުރަންޖެހޭ މުއްދަތު ހަމަވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެހެންކަމުން ސިވިލް ކޯޓުން ހުކުމްކުރީ މި ދައުވާ އިތުރަށް ކުރިއަށް ގެންދެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށެވެ.
އިބްރާހިމް ޒަކީ
ސިވިލް ކޯޓް
ސިވިލް ކޯޓް
ކޮމެންޓް