ނ. އަތޮޅުގެ ދެ ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމަށާއި އާ ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ފަރާތުން އެ ދެ އެއްބަސްވުމުގައި ވެސް ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ.
ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރީ މާފަރު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތެވެ. އެ އެއްބަސްވުމުގައި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފެވެ.
އެ މަސައްކަތް ފެންކައާ ހަވާލުކުރީ 10،900،000.93 (10.9 މިލިއަން) ރުފިޔާއަށް 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
އެ މަސައްކަތުގެ ތެރޭގައި ހަތަރު އެނދުގެ ވޯޑެއް އިތުރުކޮށް، ޕްރައިވެޓް ރޫމަކާއި ނާސް ސްޓޭޝަން، މީޓިން ހޯލް، ޕަބްލިކް ހެލްތު ޔުނިޓް އަދި ޕޯޓިކޯ ގާއިމުކުރުން ހިމެނެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރީ ކުޑަފަރީ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތެވެ. އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ 27،635،152.40 (27.6 މިލިއަން) ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފާތިމަތު ލިއުޝާ
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް