ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަގާމަށް ރާއްޖޭގެ ފަރާތުން ކުރީގެ ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދުގެ ނަން ހުށަހަޅައިފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ކަމަށް ނަން ހުށަހެޅުމުގެ ފުރުސަތުގައި ރާއްޖޭން ޑރ. ޖަމްޝީދުގެ ނަން ހުށަހެޅި އިރު، މިއީ މި ސަރަހައްދުގެ ސިއްހީ ދާއިރާގެ ލީޑާޝިޕުގައި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ރ. ޖަމްޝީދު މިހާރު ހުންނެވީ ޑަބްލިއުއެޗުއޯއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގައެވެ. އޭގެ ކުރިން އުތުރު ކޮރެއާއަށް އެ ޖަމިއްޔާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމު ވެސް އަދާކުރެއްވިއެވެ. ޑަބްލިއުއެޗްއޯ ސީރޯގެ ރީޖަނަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވިއެވެ.

ޑަބްލިއުއެޗްއޯގެ މަގާމަކަށް ވަޑައިގެންނެވުމުގެ ކުރިން 2012 އިން 2013 އަށް ޑރ. ޖަމްޝީދު ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރައްވައިފައެވެ. އޭގެ ކުރިން، ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލްގެ ޑިރެކްޓަ ޖެނެރަލްގެ މަގާމު ވެސް އަދާކުރެއްވިއެވެ.

ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާގެ ޑިޕްލޮމަސީގެ ތަޖުރިބާ ކާރެކެވެ. އޭނާ ވަނީ ސިއްހީ ދާއިރާ އާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމެސީގައި 30 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތް ކުރައްވައިފައެވެ.

ޑރ. ޖަމްޝީދު އެމްބީބީއެސް ހާސިލް ކުރެއްވީ އިންޑިއާގެ އިންދިރާ ގާންދީ މެޑިކަލް ކޮލެޖުންނެވެ. އޭގެ ފަހުން ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން މާސްޓާސް އިން ޕަބްލިކް ހެލްތު ހާސިލް ކުރެއްވިއެވެ.

އެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވި އިރު، ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ކެންޑިޑޭޓުން ހުށަހަޅައިފައެވެ.

ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 10 ގައުމު ހިމެނޭ ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑިރެކްޓަރުކަމަށް ދެން ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ ބޫޓާންގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް އާއި ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީ އާއި ސްރީ ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭއެވެ.