އޮޑިޓާ ޖެނެރަލް އޮފީސް އިމާރާތުގެ މަޝްރޫއުގެ ދަށުން ފަސްވަނަ ފަންގިފިލާއާ ހަމައަށް ސްލެބް ކޮންކްރީޓްކުރުމުގެ މަސައްކަތް ނިންމައިފިއެވެ.

އެ މަޝްރުއޫގެ ކޮންޓްރެކްޓަރު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނީ ހަތަރުވަނަ ފަންގިފިލާގެ ޑީއީ ޝަޓަރިންގެ މަސައްކަތާއި ފަސްވަނަ ފަންގިފިލާގެ ކޮލަމް ރިއިންފޯސްމަންޓްގެ މަސައްކަތްތައް މިހާރު ދަނީ ކުރަމުން ކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ބޭނުންވާ ހަ ފަންގިފިލާގެ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ 2024 މާޗް 11 ގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފެވެ.

ހަ ފަންގިފިލާގެ އުސްމިނަށް އިމާރާތްކުރާ އެ އިމާރާތުގައި، އޮޑިޓާ ޖެނެރަލް އޮފީހުގެ މުވައްޒަފުންނަށް އެކަށީގެންވާ މާހައުލެއް ގާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނުމާއި މުއައްޒަފުންނަށް ޑޭކެއާ ސެންޓަރަކާއި ޕާކް ކުރާނެ ޖާގަ ހިމެނޭނެއެވެ.

އޭގެ އިތުރުން އަލަށް އިމާރާތްކުރާ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ލައިބްރަރީއާއި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް ހިމެނެއެވެ.