މީހެއްގެ ފުރާނައަށް ގެއްލުންވާ ގޮތަށް ނުރައްކާތެރިކޮށް ވެހިކަލް ދުއްވުމަކީ ޖިނާއީ ކުށަކަަށް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ފޮނުވައިފިއެވެ.

ގާނޫނުއުގޫބާތުގެ 121 ވަނަ މާއްދާއަށް އެ އިސްލާހު ހުށަހަޅުއްވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

މިހާރު އެ މާއްދާގައި އޮތް ގޮތުން ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުމުގެ އަމަލުތަކަކީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، އެ މާއްދާގެ (ށ) އޮތް ގޮތުން، މީހަކު މަރުވެދާނެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ކަމާ މެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް ވެހިކަލް ދުއްވުމާ ބެހޭ ހާލަތް ހިމަނާފައެއް ނުވެއެވެ.

އެހެންކަމުން މީކާއީލް ބިލު ހުށަހަޅުއްވާ ސަބަބެއްގެ ގޮތުގައި ވަނީ، ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފު ލިބޭނެ މަގު ފަހިކުރުމަށް ކަމަށެވެ.

ގާނޫނުއުގޫބާތުގެ 121 ވަނަ މާއްދާގެ (ށ) ގައި މިހާރު އޮންނަނީ، ފަރުވާލެއް ނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން އެހެން ގޮތަަކަށް ސާބިތުނުވާ ހިނދަކު ގަބޫލުކުރާނެ ގޮތެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް ކުރާ އަންނަނިވި އަމަލުތަކަކީ އެހެން މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެ ގޮތަށް ނުވަތަ އޭނާ މަރުވެދާނެ ގޮތަށް ފަރުވާލެއް ނެތި ކުރާ އަމަލެއް ކަމުގައި އެހެން ގޮތަކަށް ސާބިތުނުވާ ހިނދު، ފަނޑިޔާރު ގަބޫލުކުރަންވާނެ ކަމަށް އެ މާއްދާގައި ބުނެއެވެ. އެ އަމަލުތަކަކީ؛

  1. ގޮވާތަކެއްޗާއި ފަނާކުރަނިވި މާއްދާއާ ބެހޭ؛ ނުވަތަ
  2. މެޝިނަރީ އާއި އިންޖީނާއި އަދިވެސް އިންޖީނުން މަސައްކަތްކުރާ އެހެނިހެން އެއްޗެއްސާ ބެހޭ؛ ނުވަތަ
  3. އިމާރާތް ތެޅުމާއި ވެއްޓުމާ ބެހޭ؛ ނުވަތަ
  4. ޖަނަވާރު ގެންގުޅުމާއި ބެލެހެއްޓުމާ ބެހޭ؛ ނުވަތަ
  5. ގަސްގަހާގެހި ކެނޑުމާއި ވައްޓާލުމާ ބެހޭ؛ ނުވަތަ
  6. ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެހެލާ ބޭލުމާ ބެހޭ

އެ އަމަލުތަކުގެ އިތުރުން ހަތްވަނަ އަމަލަކަށް މީކާއީލް ހުށަހަޅުއްވާ އަމަލަކީ، "ބިރުވެރިކަން އުފެދޭ ފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާ މެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުމާ ބެހޭ،" އަމަލެވެ.

މާލޭގައި ހިނގާ އެކްސިޑެންޓުތަކުގެ އަދަދު މައްޗަށް ދާއިރު، އޭގެ ތެރޭގައި ނުރައްކާތެރިކޮށް ވެހިކަލް ދުއްވައިގެން ހިނގާ އެކްސިޑެންޓުތަކުގައި މީހުންގެ ފުރާނައަށް ނުރައްކާތެރިވާ އަދަދުތައް ވެސް ދަނީ މައްޗަށެވެ. އެގޮތުން އެންމެ ފަހުން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެވެ.

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެ ވަގުތު އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި އެ އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

އޭގެ ތެރެއިން 17 އަހަރުގެ ފިރިހެން ކުއްޖަކު ހަމަ އެރޭ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާއަކީ ސައިކަލު ދުއްވަން އިން ކުއްޖާއެވެ.

އެ އެކްސިޑެންޓުގައި ދެން އަނިޔާވީ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ އާއި ދުވަން ނުކުމެ އުޅުނު 40 އަހަރުގެ ފިރިހެނަކަށެވެ. އެ ދެ މީހުންނަށް އައިޖީއެމްއެޗްގައި އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.