ވެލާނާ އިންޓަނޭޝަނަލް ޓާމިނަލް (ވީއައިއޭ)ގެ އާ ޓާމިނަލަށް ކުރި ހަރަދަކީ ބޭކާރު ހަަރަދެއް ކަމަށްވަންޏާ، އެ މަސައްކަތް ހުއްޓާލުމަށް ފަސް އަހަރު ލިބިގެންދިޔަ ކަމަށް ވިދާޅުވެ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހޫނު ރައްދެއް ދެއްވައިފިއެވެ.

ޕީއެންއެފްގެ ރޭގެ ޖަލްސާގައި ރައީސް ޔާމީން އެ ވާހަކަދެއްކެވީ އެ މަނިކުފާނަށް ފައްޔާޒް ފާޑުވިދާޅުވެފައިވާތީ އެކަންކަމަށް ރައްދުދެއްވަމުންނެވެ. ފައްޔާޒް އެކްސްގައި މިދިޔަ ބުދަ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ދުވަސްވަރު ރާއްޖޭގެ މައި އެއާޕޯޓު، ވީއައިއޭ ހިންގުން އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައި އޮއްވައި އެއްބަސްވުން ބާތިލުކޮށް، ދަރަނި މައްޗަށް ދަރަނި ނަގައިގެން އެއާޕޯޓު ހެދުމަށް ނިންމި ނިންމުމަކީ ސިޔާސީ ބޭނުމެއްގައި ކުރި ދެކޮޅުނުޖެހޭ ކަމެއް ކަމަށެވެ.

"މިއަދު ރާއްޖެ މިދެކޭ ދަރަނީގެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ އެއާޕޯޓުގެ ނަމުގައި ނެގި ދަރަނިން. މިއީ މިހާތަނަށް ދިވެހިރާއްޖޭގެ ވެރިޔަކު ނިންމި އެންމެ ދޯހަޅި ނިންމުން. އެކަމުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އެހެން ޒަރޫރަތުތައް ފުއްދުމަށް ފައިސާ ހޯދުމަށް އޮތް ފުރުސަތުވެސް ބަންދުވެއްޖެ،" އޭނާ ވިދާޅުވެފައިވެއެވެ.

ފައްޔާޒް ވިދާޅުވެފައިވަނީ 2014 ވަނަ އަހަރު، އެގޮތަށް އަމަލު ނުކުރި ނަމަ، އަދި އެ ނެގި ދަރަނިތައް ނުނެގި ނަމަ މިއަދު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ހުންނާނީ ހަތަރު މިލިއަނުން މަތީގައި ކަމަށާއި ރާއްޖޭގެ ޖީޑީޕީ ހުންނާނީ ދެގުނަ މަތީގައި ކަމަށެވެ. އަދި ވެރިޔަކު ސިޔާސީ ބޭނުމެއްގައި ނިންމި އެ ނިންމުމުގެ ސަބަބުން އިގުތިސާދަށް 60 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެ ވާހަކަތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ 600 މިލިއަން ޑޮލަރު ޓާމިނަލް ބިލްޑިންއަށް ދިޔަ ވާހަކަ އާއި އިގުތިސާދަށް 60 މިލިއަން ޑޮލަރުގެ ގެއްލުން ލިބުނު ކަމަށް ފައްޔާޒް ވިދާޅުވާ އިރު، އިގުތިސާދީ ފައިދާ ލިބޭ އިންވެސްޓަމަންޓަށް ގެއްލުމޭ ނުކިޔާނެ ކަމަށެވެ.

އާ ޓާމިނަލްގެ މަސައްކަތްތައް މިދިޔަ ސަރުކާރުގައި ވަރަށް ބާރަށް ކުރިއަށްގެންދިޔަ ކަމަށާއި އޭރު އިކޮނޮމިކް މިނިސްޓަރަކަށް ފައްޔާޒް ހުންނެވުމުން އެކަން ހުއްޓާލުމުގެ ބާރު އޭނާއަށް އޮތް ކަމަށް ޔާމީން ވިދާޅުވިއެވެ.

"ކޯޑް އޮފް ރަންވޭ އޮތީ ހަދައި ނިންމާފައި، ބޭނުންވާ އިންފްރާސްޓްރަކްޗާ ވެސް، ހަމައެކަނި މިއޮތީ އެއާޕޯޓް ޓާމިނަލް. އެހެންވީމާ އެއާޕޯޓް ޓާމިނަލަކީ އެހާ ބޭކާރު ހަރަދުކަމަށް އޭނާ ދެކޭ ކަމަށްވަންޏާ އޭނާއަށް ލިބުނޭ ފަސް އަހަރު އެއާޕޯޓް ޓާމިނަލް ހުއްޓާލަން. އޭރަކުން އެ ބުނާ 60 މިލިއަން ޑޮލަރު ގެއްލުމެއް ނުވާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އަށް މިލިއަން ފަސިންޖަރުން ރާއްޖެ އަންނަ އިރު، ފައްޔާޒް ބޭނުންވަނީ ޓާމިނަލް ކުޑަކުޑަ ހަޓެއްގެ ގޮތަށް ހުންނަން ކަމަށާއި އެމްޑީޕީއަކީ ވެރިކަމަށް އައީމާ މުޅިން ވެސް ދައުލަތުގައި އުފައްދާފައި ހުރި އެސެޓް ވިއްކާ ބައެއް ކަމަށެވެ. އަދި ޖީއެމްއާރަށް އެއާޕޯޓު ވިއްކާލުން ދިފާއުކުރައްވަމުން ފައްޔާޒް ވާހަކަދައްކަވަނީ ކުރި ވައްކަމުގެ ވާހަކަތައް ދައްކާތީ އެ މަނިކުފާނު ވިދާޅުވިއެވެ.