މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ހިފި ކަމަށާއި އެ ފައިސާއިން މަނީ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ކުރާ ދައުވާގައި ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަޅައިފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި، ޝަރިއަތުގެ މަޖިލީހަށް ހުލާސާ ބަޔާން ހުށަހެޅުއްވީ، ރައީސް ޔާމީންގެ ދިފާއީ ވަކީލު ވަކީލު ހަމްޒާ ލަތީފެވެ.
މި ދައުވާގައި ދައުލަތުން ބުނެފައި ވަނީ ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1.1 މިލިޔަން ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑާ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.
ކުރިކް ރިޒާ އާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެފައިވެއެވެ.
ނަމަވެސް މި މައްސަލައިގެ ދިފާއު ހުށަހަޅުއްވަމުން، ރައީސް ޔާމީންގެ ވަކީލު މިއަދު ވިދާޅުވީ، ކްރިކް ރިޒާގެ ދައުވާތައް ދައުލަތުން އަނބުރާ ގެނެސް، މައްސަލަ ފައިލްކުރީ އާދަޔާ ހިލާފް ގޮތަކަށް ކަމަށާއި އެކަމުގައި އަމަލުކޮށްފައި ވަނީ ޝައްކުތައް އުފެދޭ ގޮތަކަށް ކަމަށެވެ. އަދި ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓާއި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ މައްޗަށް ދައުލަތުން ކުރި، މަނީ ލޯންޑްރިންގެ ދައުވާ ސާބިތުނުވާ ކަމަށާއި އެ މައްސަލަ ދައުލައުން އިސްތިއުނާފް ނުކުރުމަކީ، އެ މައްސަލައިގައި ރައީސް ޔާމީންގެ މައުސޫމުކަން ސާބިތުކުރުމަށް ބާރު ލިބޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، ފުއްގިރި ޓޫރިޒަމްގެ ބޭނުމަށް ކަނޑައެޅީ ކޮން ތާރީހެއްގައި، ކާކުކަން އެނގޭނެ ލިއެކިއުން ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި އެކަމުގައި ރައީސް ޔާމީނުގެ ބައިވެރިވުމެއް އޮތް ގޮތެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ.
ކްލެސިކް ސިޓީއަށް، ގަވާއިދާ ހިލާފަށް ރަށެއް ދީފައިވާނަމަ، އެ ރަށެއް އަނބުރާ އަތުލުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށާއި އެކަން ކޮށްފައިވޭތޯ ވެސް ދިފާއުން ސުވާލު އުފެއްދެވިއެވެ.
ހުލާސާ ބަޔާނުގައި ދިފާއުން ފާހަގަ ކޮށްފައިވާ ކަންތައްތަކަށް ބަލައި، މި މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއިން އެމަނިކުފާނު ބަރީއަތް ވެފައިވާ ކަމަށް ކަނޑައަޅުއްވައިދެއްވުމަށް ދިފާއުން ވަނީ ކޯޓުގައި އެދިފައެވެ.
އިބްރާހިމް ޒަކީ
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކޮމެންޓް