ޑިންގީއެއް ބަންޑުން ޖަހާލައި، ކަނޑުވި ބަޔަކު ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ގދ. މަޑަވެއްޔާ ދިމާލާ ބޭރުން ދަތުރުކުރަމުން ދިޔަ ޑިންގީއެއް އޮޔާދާ ކަމަށް މިއަދު ހެނދުނު 8:39 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ރިޕޯޓާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ސާޗް ޓީމްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެމްއެންޑީއެފްގެ ޓީމަށް ބެހިފައިވާ އިތުރު ޑިންގީއެއް ފެނުމުން، އެ ޑިންގީ އަނބުރާ މަޑަވެއްޔަށް ދިއުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އޮޔާދާކަމަށް ރިޕޯޓްކުރި ޑިންގީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުން އެ ޑިންގީ ބަންޑުން ޖަހާލައިފައި ވަނިކޮށް މިއަދު 11:04 އެހާކަންހާއިރު ފުލުހުންގެ ސާޗް ޓީމަށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޑިންގީ ފެނުނުއިރު އޭގެއިން ދަތުރުކުރަމުން ދިޔަ ދެ މީހުން ތިބީ ޑިންގީގެ މަތީގައި ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށާއި އެއީ 40 އަހަރުގެ ދިވެހި ފިރިހެނަކާއި 66 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިޝާން
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް
ކަނޑުމަތީގެ ހާދިސާތައް