ރާއްޖޭގައި އިއްޔެ ފެށި، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ފިރިހެން ލްލަބު ޗެމްޕިއަންސް ލީގުގައި ދިވެހި ސިފައިން ކްލަބާއި ކްލަބު އެޗްޑީސީން ކުޅުނު ފުރަތަމަ މެޗުންވެސް ނާކާމިޔާބު ވެއްޖެއެވެ.

ކާވާ ފިރިހެން ކްލަބު މުބާރާތް އިއްޔެ ރާއްޖޭގައި ފަށާފައިވާ އިރު، މުބާރާތުގައި ހަ ގައުމެއްގެ ކްލަބުތަކުން ވާދަކުރެއެވެ. އެއީ ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ކްލަބު އެޗްޑީއާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން، ކަޒަކިސްތާނުގެ ޒައިކް ވީސީ، ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ.

މުބާރާތް ކުރިއަށްދާނީ ރޮބިން ރައުންޑް އުސޫލުންނެވެ. ލީގު ބުރަށްފަހު ކްލަބުތައް ރޭންކް ކޮށް، ރޭންކިން މެޗުތައް ކުޅޭ އިރު، ފައިނަލް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

އިއްޔެ ފުރަތަމަ މެޗުގައި ޒައިކް ވީސީއާއި ލަންކާ ޕޯޓްސް ވާދަކުރި އިރު، އެމެޗު 3-1 ސެޓުން ގެންދިޔައީ ޒައިކެވެ. ފުރަތަމަ ސެޓު ލަންކާ ޓީމުން 25-22 އިން ގެންދިޔަ ނަމަވެސް، ދެން ކުޅުނު ސެޓުތައް ޒައިކުން ވަނީ 25-14، 25-16 އަދި 25-15 އިން ގެންގޮސްފައެވެ.

ދެން ކުޅުނު މެޗުގައި އެޗްޑީސީ ކައިރިން ކިރިގިސްތާނުގެ ބިޝްކެކުން މޮޅުވީ ސީދާ ތިން ސެޓުންނެވެ. ސެޓުތައް ދިޔައީ 27-25، 26-24 އަދި 25-20 އިންނެވެ.

އެޗްޑީސީން އިއްޔެ ކުޅުުނު މެޗުގެ ތެރެއިން --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ރޭ ސިފައިން ނުކުތީ ނޭޕާލުގެ ހެލްޕް ނޭޕާލާ ދެކޮޅަށެވެ. އެ މެޗު ވެގެންދިޔައީ ފޯރިގަދަ މެޗަކަށެވެ. ފުރަތަމަ ދެސެޓު ނޭޕާލް ޓީމުން 33-31، 25-20 އިން ގެންދިޔަ ނަމަވެސް ދެން ކުޅުނު ދެ ސެޓު ސިފައިން ވަނީ 25-20 އަދި 25-22 އިން ގެންގޮސްފައެވެ. ޓައި ބްރޭކް ސެޓަށް ގޮސް، ސިފައިން ބަލިވީ 8-15 އިންނެވެ.

މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާ އިރު، އެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެލެއްވިއެވެ.