މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އަނިޔާވެރި ގޮތަކަށް މަރާލާފައިވަނީ އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި އޭނާގެ އާއިލާއާއި ގާތްގުޅުން އޮންނަ ފަރާތްތަކާ ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"އެގޮތުން، މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ." އެ މެސެޖުގައި ބުނެފައިވެއެވެ.

އެ މައްސަލައިގައި ތަހުގީގުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތުދިނުމުގެ ބަދަލުގައި ތަހުގީގު ކުރިއަށްދާ މިންވަރަކުން ތަހުގީގާ ގުޅޭގޮތުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އަންނަ ހޯމަ ދުވަހު އިންޑިއާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް ފުލުުހުން މިއަދު ވަނީ ބުނެފައެވެ.

އަބްދުއްރަހުމާންގެ މަރަށް މިހާރު ފަސް ދުވަސް ވެފައިވާ އިރު، ފުލުހުން އަދިވެސް އެ މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރެއެވެ.

އަބްދުއްރަހުމާނަށް ހަމާލާދީ އޭނާ މަރާލާފަައިވަނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމް ގެ ކަމަށްވާ މާހިޔާ ގޭގައި ނިދާފައި އޮއްވައެވެ.

މާޅޮސް "އިން" ވަން މައުލޫމާތު ދިން މީހަކު މިއަދު ބުނީ ރަށަށް އަރައި ފައިބާ މީހުން މޮނިޓާ ކުރުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުން އަންނަ ކަމަށެވެ. މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އެ ރަށަށް އަރައިފޭބޭނީ ފުލުހުންގެ މޮނިޓަރިންގެ ދަށުންނެވެ. ރަށުގެ ބަނދަރު މަތީގައި އަދިވެސް ފުލުހަކު ބަހައްޓައިފައި ހުންނަކަމަށް އެ ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ ރަށް އަދިވެސް އޮތީ ފުލުހުންގެ މޮނިޓަރިންގައި ކަމަށެވެ. ފުލުހުންގެ މޮނިޓަރިންއިން ރަށް ދޫކޮށްލަން ހަމަޖެހިފައިވާ ދުވަހެއް އޮފިޝަލު ވިދާޅެއް ނުވެއެވެ.

"އަބްދުއްރަހީމް ދިރިއުޅޭ މާހިޔާގެ ކައިރީގައި އުޅުނު މީހުންނާ ސުވާލުކުރުން ފިޔަވައި އިތުރު ބަޔަކާ އަދި ސުވާލެއް ނުކުރޭ، އަދި އިތުރު ތަނެއް ބަލައި ފާހެއްވެސް ނުކުރޭ" އެ ރަށުން ވާހަކަ ދެއްކި އަބްދުއްރަހުމާންގެ އާއިލާގެ މެންބަރަކު މިއަދު "ވަން" އަށް ބުންޏެވެ.

މި މައްސަލައިގެ ތުހުމަތުގަައި މީހަކު ހައްޔަރުކޮށްފައިނުވާކަން ފުލުހުންގެ މީޑިއާ އޮފިޝަލު އަދި ރަށުގެ ބައެއް މީހުން ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ނަމަވެސް މަރުގެ މައްސަލަ ފަދަ ބޮޑެތި މައްސަލަތަކުގައި ފުލުހުންނަށް އެކަށީގެންވާ ކުރިއެރުމެއް ތަހުގީގަށް ނުހޯދި އަދި މީހަކު ހައްޔަރު ނުކުރެވުމުގެ ކަންބޮޑުވުން އެބަ އޮތްކަމަށް ރަށުން ވާހަކަ ދެއްކި މީހުން ބުންޏެވެ.

ފުލުހުން މިހާތަނަށް އަބްދުއްރަހުމާންގެ މަރާ ގުޅިގެން ކޮށްފައިވާ މަސައްކަތުގެ ތެރޭގައި ހިމެނެނީ އެ ރަށު އަތިރިމައްޗާއި ގޮނޑުދޮށް އަދި ރަށުގެ ފަޅުތެރެއިން ބައެއް ބަލައިފާސްކުރުމެވެ. އެއީ އަބްދުއްރަހުމާނަށް ހަމަލާދޭން ބޭނުންކުރި އެތި ނުވަތަ ތަކެތި ހޯދަން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.

މީގެ އިތުރުން ފުލުހުން ވަނީ ރަށުގައި ހުންނަ ދެ ސީސީޓީވީ ކެެމާރާއެއްގެ ފޫޓޭޖު ހޯދައިފައެވެ. މުޅި ރަށުގައި ހުންނަނީ އެންމެ ދެ ސީސީޓީވީ ކެމެރާކަމަށްވާއިރު ދެ ކެމެރާވެސް ހުންނަނީ އަބްދުއްރަހުމާން ދިރިއުޅޭގެއާ ވަރަށް ދުރުގައެވެ. އިތުރު މަސައްކަތަކަށް ފުލުހުން ކޮށްފައިވަނީ އަބްދުއްރަހުމާންގެ އަވަށްޓެރީންނާ ސުވާލުކުރުމެވެ.

ފުލުހުންވަނީ އަބްދުއްރަހުމާން ޒަހަމްވެފައި އޮއްވައި އެތަނުގެ ތެރެއަށް ވަދެއުޅުނު މީހުންގެ ބޮޑީ ސާމްޕަލްއާއި ފިންގާ ޕްރިންޓް ނަގައިފައެވެ. ޕޮލިސް ސްޓޭޝަނެއްވެސް އަދި ޕޮލިސް ޕޯސްޓެއްވެސް ނުހުންނަ މާޅޮހުގައި ފުލުހުން އެ ސާމްޕަލްތައް ނެގީ ރަށު ކައުންސިލް އިދާރާގާއެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް ނިންމައި، ފުލުހުން ވަނީ ހަށިގަނޑު މާލެއަށް ގެނެސްފައެވެ. އަދިވެސް ހަށިގަނޑު އޮތީ މޯޗަރީގައެވެ.

ފުލުހުންގެ ތަހުގީގު ޓީމަކާއި ފޮރެންސިކުން އަދިވެސް އެ ރަށުގައި ގާއިމުވެ އެބަތިއްބެވެ. ނަމަވެސް މި މަރުގެ މައްސަލަ ރިޕޯޓުކުރި ދުވަހު މާޅޮސް ކައިރީ ރަށްރަށުން އަދި މާލެއިން ދިޔަ ބައެއް ފުލުހުން މިހާރުވަނީ ފުރައިފައެވެ. ފުލުހުންގެ އެކި ޑިޕާޓްމެންޓުތަކުގައި މަސައްކަތްކުރާ 30 ފުލުހުން މަރުގެ މައްސަލަ ރިޕޯޓުކުރި ދުވަސްވަރު މާޅޮހުގައި ހަރަކާތްތެރިވިއެވެ.

އަބްދުއްރަހުމާން ޒަހަމްތަކަކާއެކު ފެނުނު މީހަކު "ވަން" އަށް ބުނެފައިވަނީ ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށް އޭނާ ބުންޏެވެ. އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެންގޮސްފައިވާ ކަމަށާއި ފުއްކިބައިންވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް "ވަން"އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.