މިއަދު ރާއްޖޭގައި ފަށާ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ފިރިހެން ލްލަބު ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމު، އޭޝިއާގެ އެންމެ ބޮޑު ކްލަބު މުބާރާތް އޭވީސީ ޗެމްޕިއަންސް ލީގަށް ކޮލިފައިވާނެ ކަމަށް ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ކާވާ ފިރިހެން ކްލަބު މުބާރާތް ރާއްޖޭގައި މިއަދު ފަށާ އިރު، މުބާރާތުގައި ހަ ގައުމެއްގެ ކްލަބުތަކުން ވާދަކުރާނެއެވެ. އެއީ ރާއްޖޭގެ ދެ ކްލަބު ކަމަށްވާ ކްލަބު އެޗްޑީއާއި ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން، ކަޒަކިސްތާނުގެ ޒައިކް ވީސީ، ކިރްގިސްތާނުގެ ބިޝްކެކް، އަދި ނޭޕާލުގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި ލަންކާގެ ޗެމްޕިއަން ސްރީ ލަންކާ ޕޯޓްސް އޮތޯރިޓީއެވެ.

މުބާރާތް ކުރިއަށްދާނީ ރޮބިން ރައުންޑް އުސޫލުންނެވެ. ލީގު ބުރަށްފަހު ކްލަބުތައް ރޭންކް ކޮށް، ރޭންކިން މެޗުތައް ކުޅޭ އިރު، ފައިނަލް އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

މުބާރާތުގެ ތައްޔާރީތަކާ ގުޅޭގޮތުން އިއްޔެ ނޫސްވެރީންގެ ބައްދަލުވުމެއް ބާއްވާފައިވާ އިރު، ވީއޭއެމް އަދި ކާވާގެ ރައީސް ލަތީފް ވިދާޅުވީ މިފަހަރު މުބާރާތް ހާއްސަވާ ސަބަބަކީ، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ކްލަބު ވޮލީ މުބާރާތަށް އޭޝިއާ ޓީމުތަކުން ކޮލިފައިވާ، އޭވީސީ ޗެމްޕިއަންޝިޕަށް ރާއްޖޭގައި ބާއްވާ މުބާރާތުގެ ޗެމްޕިއަނުން ދަތުރުކުރާތީ ކަމަށެވެ.

"މިފަހަރުގެ މުބާރާތް މުހިންމުވާ އެއް ސަބަބަކީ އެފްއައިވީބީ ދުނިޔޭގެ މުބާރާތަށް ކޮލިފައިވެވޭނެ މަގެއް މި މުބާރާތުން ފަހިވެގެންދާތީ. ރާއްޖޭގައި ބާއްވާ ކާވާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ޓީމު މިކޮލިފައިވަނީ އޭވީސީ ޗެމްޕިއަންސް ލީގަށް. އޭވީސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމެއް އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕަށް މިކޮލިފައިވަނީ. އެހެންވީމަ މިމުބާރާތުގެ މުހިންމުކަން އެނގިގެން މިދަނީ" ލަތީފް ފާހަގަ ކުރެއްވިއެވެ.

މިއަދު މެންދުރު ފަހު 1:00 ގައި ކާވާ ޗެމްޕިއަންސް ލީގު ސޯޝަލް ސެންޓަރު އެތެރޭ ކޯޓުގައި ފަށާ އިރު، އެމެޗުގައި ކަޒަކިސްތާނުގެ ޒައިކް ނުކުންނާނީ ސްރީލަންކާ ޕޯޓް އޮތޯރިޓާއާ ދެކޮޅަށެވެ. އޭގެފަހުން ހަވީރު 4:30 ގައި އޮންނަ މެޗުގައި އެޗްޑީސީ ނުކުންނާނީ ބިޝްކެކާ ދެކޮޅަށެވެ.

މެޗުތަކަށް ވަނުމުގެ ޓިކެޓް އަގަކީ 20 ރުފިޔާއެވެ.