ކުރީގެ ރައީސް އަބްދުﷲ ޔާމީން، މި ސަރުކާރަށް ވަގަށް ގޮވާ ކަމަށްވަންޏާ، ޔާމީނަކީ "މުލު ވަގު" ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ރައްދު ދެއްވައިފިއެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި ސަރުކާރަށް ޔާމީން ވިދާޅުވަމުން ގެންދަވާ ފާޑުކިޔުންތަކާ ގުޅިގެން، ސަރުކާރު ހިންގާ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ މިހާރަކަށް އައިސް އެންމެ ގިނައިން ދައްކަނީ ޕީއެންސީގައި ތިބީ ވަގުންތަކެއް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ކަމަށާއި އެންމެ ގިނައިން އެ ވާހަކަތައް ދައްކަނީ އެމްޑީީޕީ އާއި ރައީސް ޔާމީން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ވަގުން ކަމަށްވަންޏާ، ރައީސް ޔާމީން ވާން ޖެހޭނީ މުލު ވަގަށްތާ. ވައްކަމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް. އަޅުގަނޑުމެންނެއް ވައްކަމެއް ނުކުރާނެ. ރައީސް ޑރ. މުހައްމަދު މުއިއްޒެއް ވައްކަމެއް ނުކުރައްވާނެ. ރައީސް މުއިއްޒެއް، ކެބިނެޓު ވަޒީރަކަށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް، ކުންފުންޏެއްގެ ވެރިޔަކަށް ގުޅާފައި ވިދާޅެއް ނުވާނެ، ތިޔަ ޗެކު ގެންގޮސް ތިމަންނަގެ އެކައުންޓަށް ޖަމާކުރާކަށް. އެހެންވީމާ ވައްކަމުގެ ވާހަކަ ދައްކާނެ ކަމެއް ނެތް،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޑޮލަރުގެ މައްސަލައިގެ ވާހަކަ މިހާރަކަށް އައިސް ގިނައިން ދައްކަވާ އެއް ބޭފުޅަކީ ވެސް ރައީސް ޔާމީން ކަަމަށެވެ. އަދި ރައީސް ޔާމީންގެ ގޭތެރޭގައި ހުރި ޑޮލަރުކޮޅު ބޭންކުތަކަށް ލީމަ، އެކަން ހައްލުވާނެ ކަމަށް ވިދާޅުވެ ވެސް ޖޯކެއްގެ ގޮތަށް ޝުޖާއު އެ ވާހަކަދެއްކެވިއެވެ.

"އަޅުގަނޑުމެންނާ ހަމައަށް އައި އިރުގައި، މި ގައުމުގައި ޑޮލަރެއް ނެތް. ކައި ހުސްކޮށްފަ އޮތީ. އެހެންވީމާ އަޅުގަނޑުމެންނަށް ފުރަތަމަ ޖެހުނީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ލޮކް އަޅުވައި ތަޅުލަން. އަންނަ ކޮންމެ ވެރިޔަކު ކާ ވަރުން، އޭގަ އަތްލަނީ،" އޭނާ ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށް، ވެރިކަމުގެ ހުންނަވާ ބޭފުޅު ބޭނުންފުޅުވިޔަސް، އެ ފަންޑުގައި ހުރި ފައިސާ ބޭނުން ނުކުރެވޭނެ ގޮތް ރައީސް މުއިއްޒަށް ހައްދަވަން ޖެހިވަޑައިގަތީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.