ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވެރިކަމަށް ގެންނެވޭނެ ވަރުގެ ޓީމެއް އެ މަނިކުފާނާއެކު މިހާރު ނެތް ކަމަށާއި މިހާރު ތިބީ ކަންނެތް ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސަރުކާރު ހިންގާ، ޕީއެންސީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ ޕީއެންސީ ނުވަތަ ސަރުކާރާ ރައީސް ޔާމީން އަދި އެމްޑީޕީން ވިޔަސް ސިޔާސީ ވާހަކަ ދައްކަންޏާ ދުލެއް ނުދޭނެކަން އެނގެން ވާނެ ކަމަށެވެ. އަދި ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރާނެ ބަޔަކު މިހާރު އެ މަނިކުފާނާއެކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންނަ ގޮނޑިން ފޫކޮޅު ހިއްލާލައިގެންތާ މަސައްކަތެއް ކުރެވޭނީ. އެއްވެސް މީހެއްގެ ނެތް އެހާ ހިތްވަރެއް. އެހާ ގަޓެއް ނެތް، މުޅި އަތޮޅުތެރޭގައި ކެމްޕޭންކޮށްގެން ވެރިކަމަށް އާދެވޭނެހާ ހިތްވަރު ހުރި ޓީމެއް ނެތް. މިއޮތީ އެ މަނިކުފާނުގެ ލެގަސީ ދެމެހެއްޓުމަށްޓަކައި މަސައްކަތްކުރި ޓީމު، މި ޓީމުން މަސައްކަތްކުރީ. މިއަދު އެ ތިބީ ކަންނެތް ބައިގަނޑެއް،" އޭނާ ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޔާމީނަށް ހުސް ގޮނޑި ދެއްވައި، އެ މަނިކުފާނަށް ޕީއެންސީން އިއްޒަތް ދެއްވާފައިވާނެ ކަމަށާއި އެއީ ވެސް ޕާޓީގެ ލީޑާޝިޕުން ނިންމި ނިންމުމެއް ކަމަށެވެ. އަދި ޕާޓީގައި ރައީސް ޔާމީން އެދިވަޑައިގެންނެވި ހުރިހާ ކަމެއް ލީޑާޝިޕުން ކޮށްދީފައި ހުންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ވިސްނަވާ އަޅުގަނޑުމެން އެ މަނިކުފާނަށް ކިޔަމަންތެރިވީ މިންވަރު. އަޅުގަނޑުމެން ލީޑާޝިޕުން ދެންނެވިން ރައީސް ޔާމީނޭ، މަނިކުފާނަށް އިންތިހާބަށް ނުލެވެންޏާ މަނިކުފާނު ދެއްވާ ނަމަކަށް ވެސް އަޅުގަނޑުމެން މިތިބީ ތައްޔާރަށޭ. އެކަމަކު އެހެނެއް ވެސް ނޫނޭ ވިދާޅުވީ. ހުރިހާ ކަމެއް އެ މަނިކުފާނު ވިދާޅުވިހާ ގޮތަކަށް ކުރީމާ، ގޯސް މިވީ އަޅުގަނޑުމެން. އެހެންވީމާ ރަށްރަށަށް ދިޔައީމާ ބުނަނީ ރައީސް ޔާމީން މިހާރު ހަމައެއް ނޫނޭ، އަޅުގަނޑުމެންގެ މެންބަރުން،" އޭނާ ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އަރިހުގައި މިހާރު ތިއްބެވީ އެ މަނިކުފާނު ޖަލުން މިނިވަންކޮށްދިނުމަށް މަސައްކަތްކުރި ބަޔަކު ނޫން ކަމަށާއި އެ މަސައްކަތް ވެސް އެ މަނިކުފާނަށް ކޮށްދީފައިވާނީ މިހާރު ޕީއެންސީގައި ތިބި މެންބަރުން ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން