ކްލަބު ވޯލްޑް ކަޕުން ލިބުނު ބޯނަސް ފައިސާ ކުޅުންތެރީންނަށް ބަހާލަން، ޗެމްޕިއަން ޗެލްސީން ނިންމާފައިވާ ކަމަށް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ.

މުޅިން އާ ފޯމެޓަކަށް ފީފާއިން ތައާރަފުކުރި ކްލަބު ވޯލްޑް ކަޕު ޗެލްސީން ހޯދީ އާދީއްތަ ދުވަހުގެ ރޭ އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ފްރާންސްގެ ޕީއެސްޖީ ކައިރިން 3-0 އިން މޮޅުވެގެންނެވެ.

ސީޒަނަށްފަހު ލިބުނު ހުސް ދުވަސްތަކުގައި ފީފާއިން 32 ކްލަބަކާއެކު ކްލަބު ވޯލްޑް ކަޕު ބާއްވާތީ އެކަމަށް ކްލަބުތަކުން ކުރިން ވަރަށް ބޮޑަށް ފާޑުކިޔާފައިވީ ނަމަވެސް، ފަހުން އެ ޝަކުވާތައް މަދުވީ ކްލަބުތަކަށް ލިބޭ ބޯނަސް ފައިސާ ބޮޑުވުމުންނެވެ.

ފީފާއިން ކްލަބު ވޯލްޑް ކަޕުގެ ޓީމުތަކަށް ބައިވެރިވުމުގެ ބޯނަސްވެސް ދީފައިވާ އިރު، ކުރިއަށް ދިޔަ ވަރަކުން ދިޔައީ ބޯނަސް އިތުރުކުރަމުންނެވެ. ޖުމުލަ 774 ޕައުންޑުގެ (1 ބިލިއަން ޑޮލަރު) ފައިސާ ފީފާއިން ކްލަބުތަކަށް ބަހާފައިވާ އިރު، ޗެލްސީއަށް ވަނީ 85 މިލިއަން ޕައުންޑް ލިބިފައެވެ.

ޗެލްސީގެ އާ ވެރިން 2021 ވަނަ އަހަރު އެ ކްލަބު ގަތް ފަހުން، ބޮޑެތި މުސާރަތައް ކުޑަކޮށްފައިވާ އިރު، މިހާރު ގެންގޮސްފައިވާ ކުޅުންތެރީން މޯޓިވޭޓް ކުރުމަށް ބޭނުންކުރާ ހަތިޔާރަކީ މުސާރަ ނޫން ކަމަށް ނޫސްތައް ބުނެއެވެ. އޭގެ ބަދަލުގައި ޗެލްސީން މިހާރު ބޭނުންކުރާ އުކުޅަކީ ކާމިޔާބީތަކަށް ބޯނަސް ދިނުން ކަމަށްވެސް އިތުބާރު ނޫސްތައް ބުނެއެވެ.

އެގޮތުން، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމުންވެސް މުސާރައިގެ 20 ޕަސެންޓް ބޯނަސް ދީފައިވާ ކަމަށް ނޫސްތައް ބުނާއިރު، ކްލަބު ވޯލްޑް ކަޕު ފައިސާވެސް ބަހާލަން ނިންމާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

ޗެލްސީން ކޮންމެ ކުޅުންތެރިޔަކަށް އަދި ކޮންމެ މުވައްޒަފަކަށްވެސް 350،000 ޕައުންޑް ބޯނަސްގެ ގޮތުގައި ދޭން ނިންމާފައިވާ އިރު، ފަހުންވެސް އިތުުރު ބޯނަހެއް ދޭނެ ކަމަށް ނޫސްތައް ބުނެއެވެ.