އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީން ޕޫމާއާއެކު ހަދާފައިވާ ކިޓް ޑީލް، ދިގު މުއްދަތަކަށް އާކޮށް، ބިލިއަން ޕައުންޑްގެ އެއްބަސްވުމެއްގައި ސޮއިކޮށްފި ކަމަށް އިނގިރޭސި މީޑިއާއިން ރިޕޯޓު ކޮށްފިއެވެ.

ސިޓީން އެންމެ ފުރަތަމަ ޕޫމާއާއެކު ކިޓް ޑީލެއްގައި ސޮއިކުރީ 2019 ވަނަ އަހަރުއެވެ. އެފަހަރު ސިޓީން ސޮއިކުރީ އަހަރަކަށް 65 މިލިއަން ޕައުންޑް ކްލަބަށް ޖެހޭ ޑީލެއްގައެވެ. އެ އެއްބަސްވުން ސިޓީން އިއްޔެ އާކުރީ ސީޒަނަކަށް ރެކޯޑު 100 މިލިއަން ޕައުންޑް އެ ކްލަބަށް ޖެހޭނެ ޑީލެއްގައެވެ.

ސިޓީން ޖަރުމަނު ކުންފުނި ޕޫމާއާއެކު ފަހުން ހެދި އެއްބަސްވުން އެންމެ މަދުވެގެންވެސް 10 އަހަރަށް ދެމިގެންދާނެ ކަމަށް ނޫސްތަކުން ޔަގީން ކޮށްދެއެވެ. އެއްބަސްވުން ދެމިގެންދާނެ ސީދާ ތާރީހެއް ސިޓީން ހާމަކޮށްފައެއް ނުވެއެވެ.

ނޫސްތައް ބުނީ ސިޓީން އެއްބަސްވި ބިލިއަން ޕައުންޑްގެ ޑީލާއެކު، ކްލަބުތަކުން ކުރިއަށް އޮތްތަނުގައި ހަދާ ކިޓް ޑީލްތަކުގެ އަގުތަކަށް ބޮޑެތި ބަދަލުތައް އަންނާނެ ކަމަށެވެ. މީގެ ކުރިން އެންމެ އަގުބޮޑު ކިޓް ޑީލެއް ހެދީ، 2023 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުންނެވެ.

ޔުނައިޓެޑަކީ އަދިވެސް ސަޕޯޓަރުން ގިނަ ކްލަބަކަށްވީ އިރު، އެ ކްލަބުން އެޑީޑާސްއާއެކު ހެދި އެއްބަސްވުމަކީ 10 އަހަރުގެ އެއްބަސްވުމެކެވެ. އެ އެއްބަސްވުމަކީ ކްލަބަށް 900 މިލިއަން ޕައުންޑް ޖެހޭ އެއްބަސްވުމެކެވެ.

ސިޓީއަކީ މިދިޔަ 10 ވަރަކަށް އަހަރު އެންމެ ކާމިޔާބު އެއް އިނގިރޭސި ކްލަބެކެވެ. އެޓީމުން ވަނީ 2020 ވަނަ އަހަރުން ފެށިގެން ޖެހިޖެހިގެން ހަތަރު ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްފައެވެ. އެގޮތުން 2022-23 ވަނަ އަހަރު ސީޒަނުގައި ސިޓީން ވަނީ ޓްރެބަލް ކާމިޔާބު ކޮށްފައެވެ.