ނިއުކާސަލްއިން އެންޓްރެޗް ފްރެންކްފާޓްގެ ފޯވަޑް ހޫގޯ އެންޓީކޭއަށް ރެކޯޑު ބިޑެއް ކުރި އިރު، ލިވަޕޫލުން ނިއުކާސަލްގެ ފޯވަޑް އެލެކްސެންޑްރާ އިސާކް ގެންދާން މަސައްކަތް ފަށައިފިއެވެ.
އުމުރުން 23 އަހަރުގެ ފްރާންސް ފޯވަޑް، އެންޓީކޭ މިދިޔަ ސީޒަނުގައި ފްރެންކްފާޓަށް 15 ގޯލު ޖަހައިދީ، 8 އެސިސްޓް ފުރިހަމަ ކުރިއެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެންޓީކޭ ހޯދުމަށް، ކްލަބުގެ ޓްރާންސްފާ ރެކޯޑު މުގުރާލުމަށް ނިއުކާސަލްއިން އަންނަނީ ތައްޔާރުވަމުންނެވެ.
މީގެ ކުރީން ނިއުކާސަލްއަށް އެންމެ އަގުބޮޑުކޮށް ގެންދިޔަ ކުޅުންތެރިޔަކީ އިސާކެވެ. އުމުރުން 25 އަހަރުގެ ފޯވަޑް، 2022 ވަނަ އަހަރު ރެއާލް ސޮސިއެދާދުން އެ ކްލަބާ ގުޅުނީ 63 މިލިއަން ޕައުންޑަށެވެ.
ނިއުކާސަލްއިން އެންޓީކޭ ހޯދަން ފުރަތަމަ ބިޑު ކުރީވެސް 70 މިލިއަން ޕައުންޑްގެ އަގެއްގައެވެ. އެހެން ނަމަވެސް އެ ބިޑަށް ފްރެންކްފާޓުން ވަނީ ނޫނެކޭ ބުނެފައެވެ.
އެންޓީކޭ ފްރެންކްފާޓަށް ދާއިމީކޮށް ބަދަލުވީ މީގެ ސީޒަނެއް ކުރީންނެވެ. އޭގެ ކުރީން އޭނާ އެ ކްލަބަށް ކުޅުނީ ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި ހުރެ، ލޯނު އެއްބަސްވުމެއްގައެވެ.
ނިއުކާސަލްއިން ފޯވަޑަކަށް މަސައްކަތް ކުރަމުން އަންނަ އިރު، ލިވަޕޫލުންވެސް އަންނަނީ ފޯވަޑަކަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ. ލިވަޕޫލުން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ބޮޑު ޓާގެޓަކީ ނިއުކާސަލްގެ އިސާކެވެ.
ނޫސްތަކުން ބުނީ ނިއުކާސަލްއިން ވިއްކައިނުލާނެ ކަމަށް ބުނަމުން އަންނަ ކަމަށާއި، ލިވަޕޫލަށް ބޮޑު އަގެއް ހުށަހަޅަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ނިއުކާސަލްއިން ލިވަޕޫލް ކިބައިން އެދޭނެ ކަމަށް ބެލެވޭ އަގަކީވެސް 130 މިލިއަން ޕައުންޑް ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.
އިސާކަށް ނިއުކާސަލްއިން ބޮޑު އަގެއް ކިޔާނެ ކަމަށް ބެލެވިފައިވާ އިރު، މިހާރު ހަބަރުތައް ބުނާ ގޮތުން އެންޓީކޭ ޑީލް ހައިޖެކް ކުރަން ލިވަޕޫލުން ކޮންމެވެސް ވަރަކަށް ވިސްނައިފާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް