އިންޑިއާގެ އޯޑިއޯ ބްރޭންޑެއް ކަމަށްވާ މީވީއިން، އޭގެ ފުރަތަމަ އޭއައި-އެހީތެރިޔާ މީވީ އޭއައި އަދި މީވީ އޭއައި ބަޑްސް ތައާރަފުކޮށްފިއެވެ.

އިންޑިއާގައި ޑިޒައިންކޮށް އުފައްދާފައިވާ މި ޓީޑަބްލިއުއެސް އިއަރބަޑްސްއަކީ އިންސާނުންނާ އެއްގޮތަށް ވާހަކަ ދައްކާފަދަ ގާބިލުކަމެއް ލިބިފައިވާ ތަކެއްޗެވެ. މީވީގެ ކޯ-ފައުންޑަރ މިދުލާ ދޭވަބަޚްތުނީ ބުނީ، މީވީ އޭއައި އަށް ނޫސް ރިޕޯޓަރަކަށާއި، ކައްކަން އުނގަންނައިދޭ ޝެފަކަށާއި، ހެލްތު ކޯޗަކަށާއި، ކެއުމުގެ ދާއިރާގެ އެހީތެރިއަކަށްވެސް ވެވިދާނެ ކަމަށެވެ. އެހެން އޭއައިތަކާ ޚިލާފަށް މީވީ އޭއައި އަކީ ބޭނުންކުރާ މީހާގެ އާދަތަކާއި، ކެއިންބުއިންފަދަ ކަންކަމަށް ފަރިތަވެ، އޭގެ ވާހަކަދެއްކުން ބޭނުންކުރާ މީހާއާ ގުޅުވައިގެން ކުރިއަށްގެންދާ އެއްޗެކެވެ.

މިދުލާ ބުނި ގޮތުގައި، މި ސިސްޓަމް ތައްޔާރުކުރެވިފައިވަނީ އިންޑިއާގެ އެކި ސަރަހައްދުތަކުން އެތައް ހާހެއްގެ އަޑު ސާމްޕަލް ބޭނުންކޮށްގެންނެވެ. މީގެ ހުރިހާ ސޮފްޓްވެއާ އާއި ހާޑްވެއާއަކީ މުޅީން އިންޑިއާގައި އުފައްދާފައިވާ އެއްޗެހި ކަމަށްވެސް ބުނެފައިވެއެވެ. މީގެ އާ އޭއައި އެވަޓާސް (މަސައްކަތްކުރާ ކެރެކްޓަރ)، ޝެފް، ގުރޫ އަދި ވެލްނަސް ކޯޗް ފަދަ އެވަޓާސްއަކީ ހާއްސަ ގާބިލުކަމެއް ލިބިފައިވާ އެއްޗެކެވެ. މިސާލަކަށް، ކައްކާއިރު އެކި ފިޔަވަހިތައް ހަނދާންކޮށްދީ އެކަމަށް ބޭނުންވާ ވަގުތުތަކަށްވެސް ސަމާލުކަންދޭނެ އެއްޗެކެވެ.

މީވީއިން ބުނީ ބޭނުންކުރާ މީހުންގެ ސިއްރު މައުލޫމާތު ހިފެހެއްޓުމަށް އެންޑް-ޓު-އެންޑް އެންކްރިޕްޝަން ބޭނުންކޮށްފައިވާނެ ކަމަށާއި، ބޭނުންކުރާ މީހުންނަށް އެމީހުންގެ ޑާޓާ ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ. މީވީއިން ލަފާކުރަނީ ފުރަތަމަ އަހަރު 5 ލައްކަ ޔުނިޓް ވިއްކޭނެ ކަމަށާއި، މިހާރު 15،500 މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ 80 އިންސައްތަ އަންހެނުންނެވެ.

މިދުލާ ފާހަގަކުރާ ގޮތުގައި މީވީ އޭއައި އަކީ ގޫގުލް އެސިސްޓެންޓް ނުވަތަ ޗެޓްޖީޕީޓީ ފަދަ ހަމައެކަނި އޭއައި ޓޫލެއް ނޫނެވެ. މިއީ ސްކްރީން ބޭނުންނުކޮށް އަޑުން ވާހަކަ ދެއްކޭ ގޮތަށް ހަދާފައިވާ އޯޑިއޯ އޭއައެކެވެ. މިއީ އިންޑިއާ އޭއައި ދާއިރާއިން ދުނިޔެއަށް ދޭ ރައްދެއް ކަމަށާއި މިއިން ދައްކުވައިދެނީ މި ދާއިރާއިން އިންޑިއާ ކުރިއަރާފައިވާ މިންވަރުކަމަށްވެސް މިދުލާ ބުންޏެވެ.