ޕީއެސްޖީއާ ދެކޮޅަށް ކުޅުނު ފީފާ ކްލަބު ވޯލްޑް ކަޕަށް ރޭވި ޕްލޭން ފުރިހަމައަށް ކާމިޔާބުވެފައިވާ ކަމަށް ޗެލްސީގެ ކޯޗު، އެންޒޯ މަރެސްކާ ބުނެފިއެވެ.

އެމެރިކާގެ މެޓްލައިފް ސްޓޭޑިއަމްގައި ރޭ ކުޅުނު ކްލަބު ވޯލްޑް ކަޕު ފައިނަލް މެޗުގައި ޗެލްސީން ޕީއެސްޖީ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެމެޗު ވެގެންދިޔައީ މި ފަހުގެ ތާރީހެއްގައި ޕީއެސްޖީއާ ކުރިމަތިވި އެންމެ މާޔޫސީ މެޗަށެވެ.

ފުރަތަމަ މިނެޓުން ފެށިގެން އެންމެ ފަހު ކަށިގަނޑާ ޖެހެންދެންވެސް ޗެލްސީ ކޯޗު އެންޒޯ މަރެސްކާގެ ޕްލޭން ފުރިހަމައަށް މަސައްކަތް ކުރަމުން ދިޔަތަން ފެނިގެން ގޮސްފައިވެއެވެ. މެޗުގައި ޕީއެސްޖީއަށް ޗެލްސީ ކޮޅަށް ޕްރެޝަރުކޮށް، ހާއްސަކޮށްލެވުނީ މަދު ފަހަރެއްގައެވެ.

"އަހަރެން ބޭނުންކުރި ވިސްނުމަކީ މޭން ޓު މޭން މާކު ކޮށް، ޕީއެސްޖީއަށް އެއްވެސް ވަރަކަށް ޖާގަ ނުދިނުން. އަހަރެމެން ބޭނުންވީ އަވަހަށް ޕްރެސްކޮށްލައިގެން ޕީއެސްޖީއަށް ޖާގައެއް ނުދޭން. އަހަރެމެން ވަރަށް އެގްރެސިވްކޮށް ޖައްސައިގެން އެމީހުން ހާސްކޮށްލިން،" މަރެސްކާ ބުންޏެވެ.

މަރެސްކާ ބުނީ ފުރަތަމަ 10 މިނެޓުގައި އަވަހަށް ޕްރެސްކޮށް، ބުރަކޮށް މަސައްކަތް ކުރީ މެޗު ކުޅުނީ ވަރަށް ގަދަ ހޫނެއްގައި ކަމަށްވުމުން، އެ މަސައްކަތަށް ކުޅުންތެރިން އަވަހަށް ހޭނުމަށްޓަކައި ކަމަށެވެ.

މަރެސްކާ ބުނީ ޕީއެސްޖީގެ ބަލި ފަހަތަކީ ޑިފެންސިވްގައި ދެ ފަޅި އަރިމަތި ކަމަށާއި، އެކަމަށް ޗެލްސީން ވިސްނި ކަމަށެވެ. ހާއްސަކޮށް ޕީއެސްޖީ އެޓޭކް ކުރާއިރު، ފުލް ބެކުން ކުރިއަށް ޖެހޭ ޖެހުމަށް މަރެސްކާ ވިސްނި ކަމަށް އޭނާ ބުންޏެވެ.

ރޭގެ މެޗުގައި ޗެލްސީއަށް ކުޅުނު ކޯލް ޕާމާގެ ތަފާތަށް މަރެސްކާ ތައުރީފު ކޮށްފައިވާ އިރު، އޭނާ ބުނީ ޗެލްސީގެ ހުރިހާ ކުޅުންތެރިން ކުރި ހިތްވަރާއެކު، ޗެލްސީއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވާނެ ކަމަށެވެ.