މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް މާލެ ސަރަހައްދުގައި 1000 އަށްވުރެ ގިނަ އެކްސިޑެންޓުގެ މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، ސިނަމާލެ ބުރިޖާއި ހައިވޭ ހިމެނޭހެން މާލެ ސިޓީގައި ކޮންމެ މަހަކު ވެސް 100 އާއި 200އާ ދެމެދު މަގުމަތީގެ އެކްސިޑެންޓުތައް ހިނގައެވެ. މިދިޔަ މަހުގެ ނިޔަލަށް މިއަހަރު ޖުމުލަ 1101 އެކްސިޑެންޓު ހިނގާފައިވާ ކަމަށް އެ ހިސާބުތަކުން ދައްކައެވެ.

އެންމެ ގިނައިން އެކްސިޑެންޓު ހިނގާފައިވަނީ ފެބްރައުރީ މަހުއެވެ. ފެބްރުއަރީ މަހު 215 އެކްސިޑެންޓު ހިނގާފައިވާ އިރު، އޭގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތަކެވެ. އެއީ 295 އެކްސިޑެންޓެކެވެ. ދެން އެެންމެ ގިނައީ ދެ ސައިކަލު ޖެހިގެން ހިނގާފައިވާ އެކްސިޑެޓުތަކެވެ. އެ އަދަދު ވަނީ 267 އަށް އަރައިފައެވެ.

ރޭގަނޑުގެ ވަގުތުތަކުގައި 356 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ އިރު، ދުވާލުގެ ވަގުތުތަކުގައި ހިނގާފައިވަނީ 745 އެކްސިޑެންޓެވެ. އޭގެ ތެރެއިން 61 ޕަސެންޓު އެކްސިޑެންޓުތަކަކީ ނުރައްކާތެރި އެކްސިޑެންޓުތަކުުގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ. މީހުންނަށް ބޮޑެތި އަނިޔާތައް ވެފައިވާ އެ އެކްސިޑެންޓުތަކުގައި މީހުންނަށް އަނިޔާވާ މިންވަރު އުޅެނީ ދިހަ ޕަސެންޓުގައެވެ.

ބްރިޖު އަދި ހައިވޭގައި 190 އެކްސިޑެންޓު ހިނގާފައިވާ އިރު، މާލޭގައި 911 އެކްސިޑެންޓު ހިނގާފައިވާ ކަމަށްވެސް ފުލުހުންގެ ތަފާތު ހިސާބުތަކުން ދައްކައެވެ.

އެކްސިޑެންޓުތަކުގައި އުޅަނދަށް ގެއްލުންވާ މިންވަރު އުޅެނީ 90 ޕަސެންޓުގައެވެ. ގިނަ ހާދިސާތައް ދުވާލުގެ ވަގުތުގައި ހިނގާފައިވާ އިރު، ހަ ޕަސެންޓު އެކްސިޑެންޓުތަކުގައި ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މާލޭގައި އެންމެ ފަހުން ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓަކީ މާފަންނު ބަސް ސްޓޭޝަން ކުރިމަތިން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެވެ. ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް، ކަފިހި ހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި، އެ ވަގުތު އެތާ ކައިރިން ދަތުރުކުރި ޕިކަޕެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް ސީރިއަސް އަނިޔާތަކެއްވިއެވެ.

އޭގެ ތެރެއިން 17 އަހަރުގެ ފިރިހެން ކުއްޖަކު ރޭ ވަނީ މަރުވެފައެވެ. އެއީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅު، ޔޫސުފް އަލްސަން މުހައްމަދެވެ. އޭނާއަކީ ސައިކަލު ދުއްވަން އިން ކުއްޖާއެވެ.

އެ އެކްސިޑެންޓުގައި ދެން އަނިޔާވީ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާ އާއި ދުވަން ނުކުމެ އުޅުނު 40 އަހަރުގެ ފިރިހެނަކަށެވެ. އޭގެ ތެރެއިން 16 އަހަރުގެ ކުއްޖާއަށް އައިޖީއެމްއެޗްގެ ވޯޑުގައި ފަރުވާދެމުން އަންނަ އިރު، 40 އަހަރުގެ މީހާ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރަށް ވަނީ ލައިފައެވެ.