އއ. މާޅޮހުން މުހައްމަދު އިޝާން، ވަން އޮންލައިން
އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު މި، ރަށު އަބްދުއްރަހުމާނު އާދަމް 65އ ގެ މަރުގެ މައްސަލައާ ގުޅިގެން އަބްދުއްރަހުމާން ނިދާފައި އޮއްވައި ހަމާލާދީ މަރާލި މާހިޔާގޭގެ ކައިރީގައި ދިރިއުޅޭ މީހުންނާ ފުލުހުން ސުވާލުކުރަން ފަށައިފިއެވެ.
މާޅޮސް ކައުންސިލް ރައީސް އިސްމާއިލް ނަސީރު "ވަން" އަށް މިއަދު ވިދާޅުވީ ފުލުހުން މިއަދު މި މައްސަލައިގައި ބަޔަކާ ސުވާލުކުރަމުންދާ ކަމަށެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ފުލުހުން ސުވާލުކުރަމުންދަނީ މާހިޔާގެ ކައިރީގައި ދިރިއުޅޭ މީހުންނާއެވެ. ފުލުހުން ވަނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ޝީޓެއް ތައްޔާރުކޮށްފައެެވެ. އަދި މިއަދު ހަވީރު ފުލުހުން ވަނީ ބައެއް މީހުންނާ ސުވާލުކޮށްފައެވެ.
މީގެ އިތުރުން ފުލުހުން މިއަދު ވަނީ އަބްދުއްރަހުމާން ޒަހަމްވެފައިވަނިކޮށް އެ ކޮޓަރިއަށް ވަދެ އުޅުނު މީހުންނާއި އެ ސީނަށް ދިޔަ މީހުންގެ ފިންގާ ޕްރިންޓާއި ބޮޑީ ސާމަޕަލް ނެގުމުގެ މަސައްކަތް މިއަދު މެންދުރު ފަށައިފައެވެ.
މާޅޮހަކީ ޕޮލިސް ސްޓޭޝަނެއް ނުވަތަ ޕޮލިސް ޕޯސްޓެއް ހުންނަ ރަށަކަށް ނުވުމުން ފުލުހުން އެ މަސައްކަތް ކުރަމުންދަނީ ރަށުގެ ކައުންސިލް އިދާރާގައެވެ.
ފުލުހުން މިއަދު ވަނީ މާހިޔާގެ ކައިރީގައި އޮންނަ އަތިރިމަތީގެ ހޭޅިފަށާއި ގޮނޑުދޮށް ބަލައި ފާސްކޮށްފައެވެ. އަދި ސްނޯކްލިން ކޮށްގެން ފަޅުތެރެ ވެސް ބަލައިފައެވެ. މިއީ އަބްދުއްރަހުމާނަށް ހަމަލާދިން ހަތިޔާރު ހޯދުމަށް ފުލުހުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ މަސައްކަތުގެ ތެރެއިން އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑު ޕޯސްޓްމޯޓަށް ހެދުމަށް ނިންމައި، ފުލުހުން ވަނީ ހަށިގަނޑު މާލެއަށް ގެންގޮސްފައެވެ. މާލެއިން ހަޑިގަނޑު ފޮނުވާލާނީ އިންޑިއާއަށެވެ.
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް