އއ. މާޅޮހުން މުހައްމަދު އިޝާން، ވަން އޮންލައިން

އަނިޔާވެރިކޮށް މަރާލައިފައި އޮއްވައި ފެނުނު މި ރަށު އޯކިޑްމާގޭ އަބްދުއްރަހުމާނު އާދަމް 65އ ގެ މަރުގެ މައްސަލައާ ގުޅިގެން ބައެއް މީހުންގެ ބޮޑީ ސާމްޕަލް ނަގަން ފަށައިފިއެވެ.

އެނގިފައިވާ ގޮތުގައި މިއަދު މެންދުރުން ފަށައިގެން ފުލުހުންގެ ފޮރެންސިކް ޓީމަކުން ދަނީ އަބްދުއްރަހުމާނަށް ހަމަލާދީފައިވަނިކޮށް އެ ކޮޓަރިއަށް ވަން މީހުންނާއި އެ ސަރަހައްދަށް ދިޔަ މީހުންގެ ބޮޑީ ސާމްޕަލް އަދި ފިންގާ ޕްރިންޓް ނަގަމުންނެވެ.

ބޮޑީ ސާމްޕަލާއި ފިންގާ ޕްރިންޓް ނަގަމުންދަނީ ރަށު ކައުންސިލް އިދާރާއަށް ހާޒިރުކޮށްގެންނެވެ. ސަބަބަކީ މާޅޮހަކީ ޕޮލިސް ސްޓޭޝަނެއް ނުވަތަ ޕޮލިސް ޕޯސްޓެއް ހުންނަ ރަށަކަށް ނުވުމެވެ.

ފުލުހުން މިއަދު ވަނީ އަބްދުއްރަހުމާންގެ ގެއާ މާ ދުރު ނޫން ހިސާބުގެ ހޭޅިފަށާއި ގޮނޑުދޮށްވެސް ބަލައިފާސްކޮށްފައެވެ. އަދި ސްނޯކްލިން ކޮށްގެން އެ ރަށު ފަޅުތެރެވެސް ބަލައިފައެވެ. އެނގިފައިވާ ގޮތުގައި ފުލުހުން މަސައްކަތް ކުރަމުންދަނީ އަބްދުއްރަހުމާނަށް ހަމަލާދިން ހަތިޔާރު ހޯދުމަށެވެ.

ފުލުހުންގެ ބޮޑު ޓީމަކުން ބަލައިފާސްކުރުމުގެ މަސައްކަތް ކުރި ނަމަވެސް އަދި މައްސަލައާ ގުޅުންހުރި އެއްޗެއް ފެނުނުކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފުލުހުން މި މަރުގެ މައްސަލައާ ގުޅިގެން ތަނެއް ބަލައިފާސްކޮށް ހިއުމަން ސާމްޕަލްތައް ނަގަން ފަށާފައި މިވަނީ 24 ގަޑިއިރު ފަހުންނެވެ.

އަބްދުއްރަހުމާންގެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވުމަށް މާލެއަށް އިއްޔެ ފޮނުވާލައިފައެވެ. މި މަރުގެ މައްސަލައާ ގުޅިގެން އެއްވެސް ބަޔަކާ ފުލުހުން އަދި ސުވާލު ކުރިކަމެއް އެނގިފައެއް ނުވެއެވެ.