އއ. މާޅޮހުން: މުހައްމަދު އިޝާން - ވަން އޮންލައިން
މިރަށުގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ދަންވަރު ވަގުތެއްގައި ހަމަލާދީ މަރާލާފައިވާ މި ރަށު އޯކިޑްމާގެ، އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގެ ތަހުގީގުގައި ލަސްތަކެއް ހުރިކަމަށް ގިނަ ފަރާތްތަކަކުން ބުނާން ފަށައިފިއެވެ. އަބްދުއްރަހުމާން މަރާލާފައިވަނީ އަނިޔާވާރި ގޮތަކަށެވެ. މާލެއިން ހާއްސަ ތަހުގީގު ޓީމެއް އައިސް މި ރަށުގައި ހަރަކާތްތެރިވަމުން އަންނައިރު، ރަށު ތެރެއިން އެ މީހުންވެސް، އަދި ފުލުހުންވެސް ނުފެނެއެވެ. މި މަރުގެ މައްސަލައާ ގުޅިގެން ފުލުހަކު ފެންނާން ހުރީ ހާދިސާ ހިނގި ބޭރުގައި ކޯޑަން ކޮށްފައިވާ ސަރަހައްދުންނާއި ފުލުހުންގެ ހުއްދައާ ނުލައި ރަށަށް އަރައި ފޭބުން މަނާކޮށްފައިވާ ބަނދަރު މަތީން އެކަންޏެވެ.
އަބްދުއްރަހުމާން އާއި އޭނާގެ އަންހެނުން ދިރިއުޅެނީ މި ރަށު ދެކުނު ސަރަހައްދުގައި ހުންނަ މާހިޔާގޭގަ އެވެ. އަބްދުއްރަހުމާނަށް އިއްޔެރޭ ހަމަލާދީ މަރާލާފައިވާއިރު އޭނާގެ އަންހެނުން ނިދާފައި އޮތީ އެހެން ކޮޓަރިއެއްގައެވެ. މި ރަށުގެ މީހުންނާ ސުވާލު ކުރުމުންވެސް އެ ދެމަފަރީންގެ މެދުގައި މައްސަލައެއް ޖެހިގެން އުޅޭކަން އެނގުނު މީހަކާ ދިމަލެއް ނުވެއެވެ. އަބްދުއްރަހުމާނަށް ހަމަލާދިންއިރު އޭނާގެ ކުދީން ތިބީ ރަށުން ބޭރުގައެވެ.
އާއިލާ، ރަށު ކައުންސިލް އަދި އެހެން ބައެއް ފަރާތްތަކާ ވާހަދައްކައިގެން ހޯދި މައުލޫމާތުން އެނގޭ ގޮތުގައި އަބްދުއްރަހުމާނަށް ހަމަލާދީފައިވަނީ އެ ރޭ މެންދަރު އެކެއްގެ ފަހުންނެވެ. އަބްދުއްރަހުމާން ރޯ އަޑަށް ހޭލެވިގެން އޭނާގެ އަންހެނުން ދިޔައިރު އަބްދުއްރަހުމާން އޮތީ ލެއިން ތަތްތެޅިފައެވެ. ހޭނެތިފައި ފާޑަކަށް އޮތްނަމަވެސް، އުނދަގޫ ގޮތަކަށް ނޭވާލަމުން ދިޔަ އަޑު އިވެމުން ދިޔައެވެ.
ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް އަބްދުއްރަހުމާން މި ރަށު ސިއްހީ މަރުކަޒަށް ގެންދެވުނެވެ. ނަމަވެސް އޭގެ މާގިނަ އިރުތަކެއް ނުވެ، ފަރުވާ ދެމުން އަންނަނިކޮށް އޭނާ މަރުވިއެވެ. އިއްޔެ ހެނދުނު 6:01 ގައި މި ރަށު ވައިބާ ކޮމިޔުނީ ގްރޫޕުގައި ފުލުހުންގެ ހުއްދަނެތި ރަށަށް އަރައި ފޭބުން މަނާކޮށްފައިވާކަން އެންގިއެވެ.
އަބްދުއްރަހުމާނަށް ހަމަލާދިންފަހުން ނިޔާވުމާ އެ ދޭތެރޭގައި ހަ ގަޑިއެއްހާއިރު ހޭދަވެފައިވާއިރު އެ ވަގުތުގެ ތެރޭގައި ރަށުން މީހަކު ފިލައިގެން ދިޔަހެއްޔެވެ؟
މި ރަށު ކައުންސިލް ރައީސް އިސްމާއިލް ނަސީރު "ވަން" އަށް ވިދާޅުވީ ފުލުހުންގެ އެންގުމަށްފަހު ރަށުން މީހަކު ފުރައިގެންދިޔަކަމުގެ މައުލޫމާތު ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އިއްޔެރޭ މެންދަމުވެސް ރަށުން މީހަކު ފުރައިގެން ދިޔުމުގެ ފުރުސަތު ކުޑަވާނެ ކަމަށް ކައުންސިލް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް މެންދަމު މަސް ދޯންޏެއް ރަށުން ފުރި." އިސްމާއިލް ނަސީރު ވިދާޅުވިއެވެ.
އެ ދޯންޏާ ގުޅޭގޮތުން މި ރަށު ގިނަ މީހުން ބުނަނީ އަބްދުއްރަހުމާނަށް ހަމަލާދިންކަމަށް ތުހުމަތުކުރެވޭ މީހަކު، އެ ދޯނިން ފިލައިގެން ދިޔަކަމަށް ނުބެލެވޭ ކަމަށެވެ.
"މިހާ މަދު މީހުން އުޅޭއިރު އެފަދަ ބޮޑު ކަމެއް ހިނގައިގެން އުޅޭއިރު ނޫނީ މި އަބްދުއްރަހުމާނަށް ހަމަލާދިންތާ ކުޑައިރުކޮޅެއް ކުރީން މީހަކު ދޯންޏަށް އެރި ނަމަވެސް އެ ވާހަކަތައް ފެތުރޭނެ" ރަށު މީހަކު ބުންޏެވެ.
ހަތަރު ސަތޭކަހެއްހާ މީހުން ދިރިއުޅޭ މި ރަށުގެ އެންމެންވެސް އެކަކު އަނެކަކު ރަނގަޅަށް ދަނެއެވެ. ދިމާވުމުން ގޮވާލައި ވާހަކަދައްކައި ހަދައެވެ. އެކުވެރި މާހައުލެއް އޮންނަ މި ރަށުގައި އަނިޔާވެރި މަރެއް ހިނގުމުން ގިނަ ބަޔަކަށް އެކަން ގަބޫލުކުރުން ދައްޗެވެ. އެންމެނަށްވެސް ބުނެވެނީ އެއީ މިރަށުގައި ހިނގައިގެންވާނޭ ކަމެއް ނޫން ކަމަށެވެ. އެއީ މިރަށާ ގުޅޭ ކަމެއް ނޫން ކަމަށެވެ.
ފުލުހުން، ތުހުމަތުކުރެވޭ މީހާ ނުވަތަ މީހުން، އަތުލައިގަންނާނެކަމަށް ރަށުގެ ގިނަ މީހުން ގަބޫލުކުރެއެވެ. ފުލުހުން މި މައްސަލައިގައި ކުރަމުން އަންނަ ތަހުގީގާ ގުޅޭގޮތުން ވާހަކަދަައްކަން އާއިލާއިން ބޭނުމެއްނުވެއެވެ. އާއިލާއިން އެއްވެސް މީހަކަށް ޝައްކެއްވެސް ނުކުރެއެވެ.
އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ އަބްދުއްރަހުމާނަށް ހަމަލާދީފައި ދިޔަ މީހެއްގެ ފިޔަވަޅުތައް އަބްދުއްރަހުމާންގެ އަންހެނުންނަށް ފެނުނު ކަމަށެވެ. އެއީ އެކެއްގެ ފިޔަވަޅުތައް ކަމަށާއި ފިޔަވަޅު ބެލުމުން ހީވަނީ ވަރަށް ބާރަށް ދުއްވައިގެންފައި ކަހަލަ ގޮތަކަށް ހުރި ފިޔަވަޅުތަކެއް ކަމަށްވެސް ބުންޏެވެ.
އެ ފިޔަވަޅުތައް އެހާ ސާފުކޮށް ފެންނާން ހުރީ ގޭގައި ދޮންވެލި ލާފައި އޮންނާތީކަމަށް އާއިލާއިން ބުންޏެވެ.
އާއިލާއިންނާއި މި ރަށު ކައުންސިލުގެ ރައީސް މައުލޫމާތު ދިން ގޮތުގައި އަބްދުއްރަހުމާންގެ ބޮލުގެ އެކި ތަންތަން ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ. އެގޮތުން ބޮލަށް އަނިޔާކޮށްފައި ހުރުމުގެ އިތުރުން އޭނާގެ ލޮލަށްވެސް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ. ލޯމަތި ހުރީ ނޫފައިގެންފައިކަމަށާއި އަބްދުއްރަހުމާންގެ ނިތްކުރި މަތީންނާއި ބޮލުގެ އަރިމަތީން ވަރަށް ބޮޑަށް ފަޅައިގެންގޮސްފައިވާއިރު ފުއްކިބަވެސް ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް މައުލޫމާތު ދިނެވެ.
އާއިލާއާއި ރަށުގެ ގިނަ މީހުން ގަބޫލުކުރަނީ އަބްދުއްރަހުމާންގެ އަންހެނުން އެ ބުނާ ފިޔަވަޅުތަކަކީ ގާތިލުކަމަށް ބެލެވޭ މީހާގެ ފިޔަވަޅުތައް ކަމަށެވެ. ގާތިލުކަމަށް ބެލެވޭ މީހާގެ ފައިގެ ފިޔަވަޅު ކްރައިމް ސީނަށް ދޫކޮށްދިޔަސް، ރަށުން އެ މީހަކު ފުރައިގެންދިޔަ ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެއެވެ. އެއީ އެ ރޭ މެންދަމު ފުރި ބޯޓުން ތުހުމަތުކުރެވޭ މީހަކު ފުރިނަމަ އެ އަޑުތައް ރަށުގައި ފެތުރޭނެތީއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅިގެން އެއްވެސް ބަޔަކާ އަދި ފުލުހުން މިހާތަނަށް ސުވާލުކުރިކަމެއް ނޭނގެއެވެ. މައްސަލައާ ގުޅިގެން އެއްވެސް ތަނެއް ބަލައިފާހެއްވެސް އަދި ނުކުރެއެވެ. ނަމަވެސް ރޭ 11:00 އާއި 12:000 އާ ދެމެދުގެ ވަގުތެއްގައި ފުލުހުންގެ ލޯންޗެއް މި ރަށަށް ދެފަހަރު ގާތްކުރިއެވެ. އެއީ ކީއްކުރަން އައި ލޯންޗެއްކަން އަދި ސާފުވެފައެއް ނުވެއެވެ.
އަބްދުއްރަހުމާނަށް ހަމަލާދިންކަމަށް ބެލެވޭ ހަތިޔާރުވެސް ފުލުހުންނަށް އަދި ހޯދިފައި ނުވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފެންނަ ފެނުމަށް ފުލުހުން މި މައްސަލައިގައި ތަހުގީގު ހިންގަނީ ވަރަށް ލަސް ސްޕީޑެއްގައެވެ. ނޫނީ މައްސަލައިގެ ބާވަތުން ފުލުހުން ހުރިހާކަމެއް ފުރިހަމަކޮށް، ތަހުގީގު ވަކި ހިސާބަކުން އަވަސްކޮށްލަން ބޭނުންވަނީ އެވެ. ނުވަތަ ބޭރަށް ވަކި ކަމެއް ނުފެނުނު ނަމަވެސް، ފުލުހުން ހިކުމަތުގެ ބޭނުން ކުރަނީއެވެ. އެކި ފަރާތްތަކާ ވާހަކަދައްކައިގެން ހޯދުނު މައުލޫމާތުން އެނގޭ ގޮތުގައި ފުލުހުން އަދިވެސް ކުރަމުން އަންނަނީ މައްސަލައާ ގުޅުންހުރި ހެކި ހޯދުމުގެ މަސައްކަތެވެ.
މާހިޔާގޭގެ ކޮޓަރިންވެސް ފުލުހުން ވަނީ ހެކީގެ ގޮތުގައި ނުވަތަ ސާމްޕަލްގެ ގޮތުގައި ބައެއް ތަކެތި ގެންގޮސްފައެވެ. އޭގެ ތެރޭގައި ލޭގެ ސާމްޕަލާއި ލޭ ހޭކިފައިވާ ބެޑްޝީޓު ވެސް ހިމެނޭކަމަށް މައުލޫމާތު ލިބެއެވެ.
މި މަރުގެ މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް ރަސްމީގޮތުން ހޯދަން ގުޅުމުން ފުލުހުންގެ މީޑިއާއިން ބުނީ ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކާ ސުވާލުކޮށްފައިވާކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
އަބްދުއްރަހުމާންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ ގޮތުން އިއްޔެ ފުލުހުންގެ ލޯންޗެއްގައި ވަނީ މާލެއަށް ގެންގޮސްފައެވެ. މާލެއިން ހަށިގަނޑު ފޮނުވާލާނީ އިންޑިއާއަށެވެ.
އަބްދުއްރަހުމާންގެ މަރުގެ މައްސަލަ ގިނަ ބަޔަކު ގުޅުވަނީ ސިހުރާއެވެ. ރަށުގައި އެ ވާހަކަތައް ދެކެވެމުންދާކަމަށް ގިނަ ފަރާތްތަކުންވަނީ މައުލޫމާތު ދީފައެވެ. އެހެން ނަމަވެސް، އޭނާގެ އާއިލާއިން އެ ތުހުމަތުތައް ދޮގުކުރެއެވެ.
މަރަށް 24 ގަޑިއިރަށްވުރެ ގިނަ އިރު ހޭދަވެގެން ދިޔައިރު، މިހާ ކުޑަކުޑަރަށެއްގައި ފުލުހުން އެއްވެސް މީހަކާ ސުވާލު ނުކުރާތީ އާންމުން އަންނަނީ އެކަމުގައި ސުވާލު އުފައްދަމުންނެވެ. އެއްވެސް ތަނެއް ބަލައި ފާސްނުކުރާތީ، އެކަމުގެ ކަންބޮޑުވުންވެސް އަންނަނީ ފާޅުކުރަމުންނެވެ. ގާތިލު އަދިވެސް ރަށުތެރޭގައި މިނިވަންކަމާއެކު އުޅޭތީ، އެކަމުގެ ބިރުވެރި އިހުސާސްތައް އަންނަނީ ކުރަމުންނެވެ.
މުހައްމަދު އިޝާން
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
މަރުގެ މައްސަލަތައް
ކޮމެންޓް