ސްޕޯޓިން ލިސްބަންއަށް ކުޅެމުން އަންނަ ސްވިޑެންގެ ޒުވާން ތަރި، ވިކްޓޯ ޔޯކެރޭޝް ޕްރި ސީޒަންގެ ތަމްރީނުތަކަށް ނުނުކުންނާތީ ފިޔަވަޅާނެ ކަމަށް ރައީސް ފްރެޑެރީކޯ ވަރަންޑާސް ވިދާޅުވެއްޖެއެވެ.
ޔޯކެރޭޝް، 27، ޕޯޗުގަލްގެ ސްޕޯޓިންއަށް މިދިޔަ ދެ ސީޒަނުގައި ކުޅުނު 102 މެޗުން 97 ގޯލު ޖަހައިދީފައިވެއެވެ. އޭނާއަކީ މިވަގުތު ޔޫރަޕްގައި ހުރި އެންމެ ފޯމު ރަނގަޅު އެއް ފޯވަޑެވެ. އޭނާ ހޯދަން އާސެނަލާއި އެހެން ބައެއް ކްލަބުތަކުންވެސް މަސައްކަތް ކުރަމުން އަންނަ އިރު، ޔޯކެރޭޝް ބޭނުން ވަނީވެސް ކްލަބު ދޫކޮށްލަން ކަމަށް އިތުބާރު ނޫސްތައް ބުނެއެވެ.
ސްޕޯޓިންއިން ޕޯޗުގަލްގެ ދެކުނު އަލްގާވޭގައި ޕްރި ސީޒަން ފެށީ އިއްޔެއެވެ. ޔޯކެރޭޝް ތަމްރީނުތަކަށް ނުކުމެފައި ނުވާ އިރު، ހަބަރުތައް ބުނީ ޔޯކެރޭޝްއަށް ޗުއްޓީ އިތުރުކޮށްދީފައިވާ ކަމަށެވެ.
އެހެން ނަމަވެސް، ސްޕޯޓިންގެ ރައީސް ވަރަންޑާސް ވިދާޅުވީ ޔޯކެރޭޝް އަލުން ތަމްރީނުތަކަށް ނުކުތުމުން ޖޫރިމަނާކޮށް، ޓީމުގެ ކިބައިން މައާފަށް އެދޭނެ ކަމަށެވެ. އަދި ޓްރާންސްފާ މާކެޓްގެ ކަންކަން އަވަހަށް ހައްލު ކުރަން ބޭނުންވާ ކަމަށްވެސް ސްޕޯޓިންގެ ރައީސް ވަރަންޑާސް ވިދާޅުވިއެވެ.
ވަރަންޑާސް ވިދާޅުވީ ޔޯކެރޭޝްއަށް ކަނޑައަޅާފައިވާ އަގު ދައްކައިގެން ނޫން ގޮތަކަށް ކްލަބުން އޭނާ ދޫ ނުކުރާނެ ކަމަށާއި، އެއްބަސްވުމުގައި ބާކީ އޮތް ތިން އަހަރުވެސް ސްޕޯޓިންގައި ޔޯކެރޭޝް ބެހެއްޓުމަކީ މައްސަލައަކަށް ނުވާނެ ކަމަށެވެ.
ވަރަންޑާސް އިތުރަށް ބުނީ އެއްވެސް ކުޅުންތެރިޔަކު ކްލަބަށްވުރެ ބޮޑު ނުވާނެ ކަމަށާއި، ޕްރި ސީޒަނަށް ނުނުކުމެ ޕްރެޝަރު ކޮށްގެން ޓްރާންސްފާ އަވަސް ނުކުރެވޭނެ ކަމަށެވެ.
މުޙައްމަދު ޝަމްޢޫން
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް
ޓްރާންސްފާ މާކެޓް