ނެދަލޭންޑްސް ގައުމީ ޓީމުގެ އިތުރުން ޔޫރަޕްގެ ބޮޑެތި ގިނަ ކްލަބުތަކަކަށް ކޯޗުކަން ކޮށްދިން، ލުއީ ވެން ހާލް، ކެންސަރު ބަލިން ސަލާމަތްވެފައިވާ ކަމަށް އޭނާ އިއުލާނު ކޮށްފިއެވެ.

އުމުރުން 73 އަހަރުގެ ވެޓެރަން ކޯޗު ވެން ހާލް، ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާކުރަމުންދާ ކަމަށް އިއުލާނުކުރީ މީގެ ތިން އަހަރު ކުރިންނެވެ. އޭރުވެސް ހުރީ ނެދަލޭންޑްސް ގައުމީ ޓީމުގެ ކޯޗުކަމުގައެވެ. އެހެންނަމަވެސް ވެން ހާލް ހުރީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށްފަހު އިތުރު މަސައްކަތެއް ނުކޮށެވެ.

"ދެ އަހަރު ކުރިން އަހަރެން އޮޕަރޭޝަންތަކެއްވެސް ކުރަން ޖެހުނު. އޭރުގެ ހާލަތު ގޯސް، އެހެން ނަމަވެސް އެހިސާބުން މަސައްކަތް ފަށައިގެން މިހާރު ވަނީ އެއްކޮށް ރަނގަޅުވެފައި. އަހަންނަށް މިހާރު ކުރަން ޖެހޭ ކަމަކީ ކޮންމެ ދެތިން މަހަކުން އެއްފަހަރު ޗެކަޕް ހެދުން. ޗެކަޕްތަކުން ދައްކަނީ ރަނގަޅަށް،" ވެން ހާލް ބުންޏެވެ.

ވެން ހާލްއަކީ މީގެ ކުރިން އަޔެކްސްއާއި ބާސެލޯނާ، ބަޔާން މިއުނިކްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކޯޗުކަން ކޮށްދިން ކޯޗެކެވެ. ވެން ހާލް ބުނީ ކްލަބުތަކުގައި ކުރިން މަސައްކަތް ކުރި ނަމަވެސް، މިހާރު ބޮޑަށް ޝައުގުވެރިކަން ހުރީ ގައުމީ ޓީމަކާ ހަވާލުވުމަށް ކަމަށެވެ.

އެފަދަ ފުރުސަތެއް ލިބިއްޖެނަމަ، އެނބުރި ފުޓުބޯޅައަށް ނުކުންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.