ހުޅުމާލެ ފޭސް އެކެއްގައި ޒިބްރާ ކްރޮސްއަކުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލެ ފޭސް އެކެއްގެ ބަގީޗާ ހިނގުމުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ޒިބްރާ ކްރޮސްއަކުން މަގު ހުރަސް ކުރި މީހެއްގެ ގައިގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ މެންދުރު 2:16 ހާއިރު އެވެ.

އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާއަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ އަންހެނަކަށެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސް ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެމީހާ ދުއްވި ސައިކަލު ޓޯކޮށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ.